މުހައްމަދު ޖަމްޝަތް ވަހީދު
މިިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މަށްޗަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ރާއްޖެއަށް 606,395 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރަށްވުރެ 19.3 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރީ 508,306 ފަތުރުވެރިންނެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އިންނެވެ. އެ ގައުމުން މިހާތަނަށް 73,578 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ރަޝިޔާއިން އަންނަނީ ރާއްޖޭގެ މާކެޓުގެ 12.1 ޕަސެންޓު ހިއްސާ ކުރަމުންނެވެ.
މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން މިއަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5،775 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. އަދި އެ ފަތުރުވެރިން ރާއްޖެގައި އެވްރެޖުކޮށް އަށް ދުވަސް ހޭދަކޮށްފައިވެއެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު، ކޮންމެ މަހަކުވެސް ދޮޅުލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ މިދިޔަ ތިން އަހަރާ އަޅައި ބަލާއިރުވެސް ނުފެންނަހާ ރަނގަޅު ނަތީޖާ އެކެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމެވެ.