އިބްރާހިމް ޒަކީ
ދައުލަތުގެ ބަޖެޓަށްވުރެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހަރަދުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި އުވާލުމާއި ރެގިއުލޭޓްކޮށް މޮނިޓާ ކުރެވޭނެ ގާނޫނެއް އެކުލަވާލުމަށް އެދި ސަރުކާރަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވާހަކަދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ސިވިލް ސާވިސްގެ މުވައްޒަފުންނަށްވުރެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕޭރޯލްގައި ފައިސާ ހުންނަންޖެހޭ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ބޮޑެތި ދަރަނި އޮތްއިރުވެސް، އެ ކުންފުނިތަކުން ބޮޑެތި ހަރަދުތައް ކުރާކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ހަމަޖެއްސުމަށާއި ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ސަރުކާރުގެ ބަޖެޓުން ރައްޔިތުންގެ ފައިސާ އިން ހަަރަދުކުރާ މިންވަރު އިންތިހާއަށް ބޮޑު ކަމަށެވެ.
"ތައުލީމަށް ހަރަދުކުރާ މިންވަރަށްވުރެ ބައެއް ފަހަރު ބޮޑުވެެގެން އެބަދޭ، ސިއްހަތަށް ހަރަދުކުރާ މިންވަރަށްވުރެ އިތުރުވެގެން އެބަދޭ،" ސަރުކާރު ކުންފުނިތަކުގެ ހަރަދުބޮޑުކަން ފާހަގަކުރައްވައި މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށާއި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކަށް ނުވަތަ މަސައްކަތްތަކަށް މީހުން އައްޔަން ކުރަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާ (ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ މާއްދާ)ގެ ދަށުން ނޫން ކަމަށެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި ބޭނުންވާ ގާނޫނުތަކަށް، މީހުން އައްޔަންކުރުމާއި އެ މަގާމުތަކުން މީހުން ވަކިކުރުމާއި އެ މީހުންގެ އިސްތިއުފާ ގަބޫލުކުރުމަކީ ބާރުތަކާއި މަސްއޫލިއްޔަތުތައް ހިމެނޭ ކަމެއް ކަމަށެވެ.
"އެބޭފުޅުންގެ ވިސްނުންވެސް އަދި އެ ކުންފުނިތަކުގެ މިސްރާބުވެސް އެއީ ސަރުކާރުގެ ސިޔާސީވެރިންގެ ޒާތުފުޅާ ނުވަތަ އެ ބޭފުޅުންގެ ތަބީއަތްތަކާއި އެދިވަޑައިގަންނަވާ ގޮތްތަކާއި ހިއްޕުޅާ ގުޅިފައި ހުންނަންޖެހޭ ކަންކަމެއް ނޫން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިސްލާހި ކަންކަމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމާ ގުޅޭ ގޮތުން އިތުރު އިސްލާހުތަކެއް ގެނައުމަކީ މި ވަގުތަށް ބޭނުންތެރިކަމެއް ކަމަށެވެ.