ޚަބަރު

ކްރޮސްރޯޑްސްގައި ހަފުތާއަކު އެއްފަހަރު މަގުމަތީ ބާޒާރެއް ބާއްވަނީ، ސްޓޯލް ދޫކުރާނީ ހިލޭ!

މުހައްމަދު ޖަމްޝަތް ވަހީދު

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑްސް މޯލްޑިވްސް އިން މަގުމަތީ ބާޒާރެއް ބާއްވަން ނިންމައިފިއެވެ.

ކްރޮސްރޯޑްސް އިން މައުލޫމާތު ދޭ ގޮތުގައި ތައިލެންޑްގެ ނައިޓް މާކެޓް ކޮންސެޕްޓަށް މި މަހުގެ 23 އިން ފެށިގެން ކޮންމެ ހަފުތާއަކު ހުކުރު ދުވަހު ހަވީރު 5:00 އިން ރޭގަނޑު 9:00 އަށް ބާއްވާ މި ފޯރިގަދަ ބާޒާރަކީ ވިޔަފާރިތައް ފުޅާކުރުމަށް ފުރުސަތުތަކެއް ލިބިގެންދާނެ ބާޒާރެއް ކަމަށެވެ.

އެގޮތުން މި ބާޒާރަކީ އަލަށް ނުކުންނަ ވިޔަފާރިތަކަށް ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ވިޔަފާރިވެރިކަމުގެ ހުނަރު ޓެސްޓުކޮށް، އަމިއްލަ އުފެއްދުންތައް ތައާރަފު ކުރުމަށް ހުޅުވިގެންދާނެ ޕްލެޓްފޯމެއް ކަމަށް ކްރޮސްރޯޑްސް އިން ބުނެއެވެ.

ކްރޮސްރޯޑްސް އިން ބުނާ ގޮތުން، ބާޒާރުގައި އަމިއްލައަށް އުފައްދާ ތަކެތިން ފެށިގެން ރީޓެއިލް ފިހާރަތަކާއި ކާބޯތަކެތީގެ ކައުންޓަރުތަކާއެކު ގާނޫނު ހުއްދަކުރާ ހުރިހާ ބާވަތެއްގެ އުފެއްދުމެއް ނުވަތަ ހިދުމަތެއް ދައްކާލެވޭނެއެވެ. އަދި ބާޒާރުގައި ރަޖިސްޓްރީ ވުމުން ކްރޮސްރޯޑްސް ސްޓޯލް ދޫކުރަން ނިންމާފައިވަނީ ހިލޭ ކަމަށް ބުންޏެވެ.

މި ލިންކް https://rb.gy/96sz ބޭނުންކޮށްގެން ސްޓޯލަށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަގުމަތީ ބާޒާރާ ބެހޭ އިތުރު މައުލޫމާތު ކްރޮސްރޯޑްސް މޯލްޑިވްސް ވެބްސައިޓުން ލިބޭނެއެވެ.