ޚަބަރު

ޝޯޝަލް ހައުސިން ފްލެޓްތަކަށް ގަވައިދުން ކުލި ދެއްކުމުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް

ސަރުކާރުގެ ޝޯޝަލް ހައުސިންގެ ކުލި ބަރާބަރަށް ދެއްކުމުން އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް އާބަންކޯއިން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން އިއްޔެ ވަނީ އާބަންކޯއަށް ބަދަލުކޮށް ރީބްރޭންޑްކޮށްފައެވެ.

އާބަންކޯއިން ބުނި ގޮތުގައި ޝޯޝަލް ހައުސިން މަޝްރޫއުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ހަ މަސް ދުވަހު ބަރާބަރަށް ކުލި ދައްކާފައިވާ ފަރާތްތަކަށް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.

އެއް އަހަރު ދުވަހަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ތިން މަހުން އެއް މަހު ނަސީބުވެރި ދެ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެއެވެ.