މިއަހަރުގެ އޮގަސްޓް މަހު މަޑަގަސްކަރައިގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބޮޑު ސްކޮޑެއް އިއުލާނު ކޮށްފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ރޭ އިއުލާނުކުރި އަންހެން އަދި ފިރިހެން ސްކޮޑުގައި ޖުމުލަ 27 އެތުލީޓުން ހިމަނާފައިވެއެވެ. އެއީ ރިލޭ ޓީމާއި އިންޑިވިޖުއަލް ސްޕްރިންޓް، މިޑްލް ޑިސްޓަންސް ދުވުންތެރިން އަދި މެރެތަން ދުވުންތެރިން ހިމެނޭ ގޮތަށެވެ.
މީގެ ކުރިންވެސް އައިއއޯއައިޖީން ރަނގަޅު ކާމިޔާބީތަކެއް ހޯދި ކުޅިވަރެއްގެ ގޮތުގައި އެތުލެޓިކްސް ފާހަގަކުރެވިފައިވާ އިރު، ބޮޑު ސްކޮޑަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށްފަހު ފައިނަލް ޓީމު އެކުލަވާލާނީ އަންނަ މެއި މަހުގެ ތެރޭގައެވެ.
ރާއްޖެއިން އެކުލަވާލި ސްކޮޑުގައި ރާއްޖެއިން ބޭރުގައި މިވަގުތު ވަރުގަދަ ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އެތުލީޓުންވެސް ހިމެނެއެވެ. އެގޮތުން ޖެމެއިކާގައި ތަމްރީނު ހަދަމުންދާ އެތުލީޓުންނާއި އިންޑިއާގައި ތަމްރީނުތައް ފުރިހަމަ ކުރަމުންދާ ގިނަ އެތުލީޓުންވެސް ސްކޮޑުން ފާހަގަކޮށްލެވެއެވެ.