ޚަބަރު

ގަމުގައި 240ގެ ހަދަން ހަވާލުކުރި ފަރާތަކުން ނުހައްގުން ހޯދި 18 މިލިޔަން ރުފިޔާ ދައުލަތަށް ދައްކަން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

ލ. ގަމުގައި 240 ގެ އިމާރާތް ކުރުމަށް ހަވާލުކުރި ކުންފުންޏަކުން ނުހައްގުން ހޯދާފައިވާ 18.7 މިލިޔަން ރުފިޔާ ދައުލަތަށް ދެއްކުމަށް އެކުންފުންޏަށް އަމުރުކޮށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ގަމުގައި 240 ގެ އިމާރާތް ކުރުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓާ (ދިވެހި ދައުލަތް) އާއި މޯވޭ އަރުން އެކްސެއްލޯ (ޖޭވީ) ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މޯވޭ އަރުންގެ ފަރާތުން ހުށަހަޅާފައިވާ ސައްހަ ނޫން ބިލް ތަކަކަށް އޮޅުވާލައިގެން 18.7 މިލިޔަން ރުފިޔާ ހޯދާފައިވާ މައްސަލައެކެވެ.

މި މައްސަލަ ދައުލަތުން ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ، އެ ފައިސާއަކީ ނުހައްގުން ހޯދާފައިވާ ފައިސާއެއް ކަމަށާއި އެއީ ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ފައިސާ އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް، ދައުވާލިބޭ މޯވޭ އަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.

ދައުވާލިބޭ މޯވޭ އަރުންގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށްގޮސް މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ނެޝަނަލް ޑިޒާންޓާ މެނޭޖުމެންޓް ސެންޓަރަށް ސައްހަ ނޫން އިންވޮއިސްތަކެއް ހުށަހަޅައިގެން އޮޅުވާލައިގެން އެފަރާތުން 18.7 މިލިޔަން ރުފިޔާ ހޯދާފައިވާކަން ޝަރީއަތަށް ސާބިތުވާތީ މިފައިސާ އަކީ މޯވޭއަރުން އެކްސެއްލޯގެ ފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.

އަދި އެފައިސާ ދިވެހި ދައުލަތަށް ލިބިދިނުމުގެ ގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ދައްކައި ހަލާސް ކުރުމަށް މޯވޭ އަރުން އެކްސެއްލޯ (ޖޭވީ) ޕްރައިވެޓް ލިމިޓެޑަށް އަންގައި ހުކުމް ކުރާ ކަމަށެވެ.