ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ މަދު އަަދަދެއްގެ ދިވެހިން ދިރިއުޅެނީ ވ. ރަކީދޫއާއި އެ އަތޮޅު ތިނަދޫގައި ކަަމަށް ބޯހިމެނުމުން ދައްކައިފިއެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ވަނީ މިދިޔަ އަހަރު މުޅި ރާއްޖޭގައި ބޯހިމެނުން ކުރިއަށް ގެންގޮސްފައެވެ. އަދި އިއްޔެ ވަނީ ބޯހިމެނުގެ ވަގުތީ ނަތީޖާ އާންމުކޮށްފައެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާގައި ވަނީ އެންމެ މަދު އަދަދެއްގެ ދިވެހިން އުޅޭ ރަށްތަކުގެ މައުލޫމާތު ހިމަނައިފައެވެ. އެގޮތުން އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައެވެ. އެ ރަށުގައި 63 ދިވެހިން އުޅޭ އިރު، ދެވަނައަށް އެންމެ މަދުން ދިވެހިން ދިރިއުޅެނީ ވ. ތިނަދޫގައެވެ. ތިނަދޫގައި ދިރިއުޅޭ ދިވެހިންގެ އަދަދަކީ 75 އެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާގައިވާ ގޮތުން ރާއްޖޭގައި 515،122 މީހުން ދިރިއުޅެއެވެ. އޭގެ ތެރެއިން 382،751 މީހުންނަކީ ދިވެހިން ކަމަށްވާ އިރު، 132،317 މީހުންނަކީ ބިދޭސީންނެވެ.
ރާއްޖޭގައި ދިރިއުޅޭ 382،751 ދިވެހިންގެ ތެރެއިން 195،053 މީހުންނަކީ ފިރިހެނުންނެވެ. އަދި އަންހެނުންގެ އަދަދަކީ 187،698 އެވެ. ބިދޭސީންނަށް ބަލައިލާ އިރު، ރާއްޖޭގައި ދިރިއުޅެނީ 117،460 ބިދޭސީ ފިރިހެނުންނެވެ. އަދި ބިދޭސީ އަންހެނުންގެ އަދަދަކީ 14،911 އެވެ. ރާއްޖޭގައި ދިރިއުޅޭ ޖުމުލަ އާބާދީގެ 74 އިންސައްތައަކީ ދިވެހިން ކަމަށްވާ އިރު، 26 އިންސައްތައަކީ ބިދޭސީންނެވެ.
ވަގުތީ ރިޕޯޓުގައިވާ ގޮތުން މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީއަކީ 212،138 އެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ ޖުމުލަ އާބާދީގެ 41 އިންސައްތައެވެ. އޭގެ ތެރެއިން 204,277 އަކީ ދިވެހިންނެވެ. އަދި 32,470 މީހުންނަކީ ބިދޭސީންނެވެ.
މާލޭ ސިޓީގެ އާބާދީއަށް ބަލައިލާ އިރު، 2014 އިން ފެށިގެން ދިރިއުޅޭ މީހުންގެ ނިސްބަތް އެންމެ ގިނަވެފައިވަނީ ހުޅުމާލެއަށެވެ. ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އަދަދު 16.82 އިންސައްތަ އިތުރުވެފައިވާ އިރު، މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ވަނީ 1.09 އިންސައްތަ އިތުރުވެފައެވެ. ނަމަވެސް ވިލިމާލޭގައި މީހުން ދިރިއުޅޭ އަދަދު ވަނީ 2.10 އިންސައްތަ ދަށަށް ގޮސްފައެވެ.
މާލެއަށްފަހު ދެން އެންމެ ގިނަ އަދަދެއްގެ މީހުން ދިރިއުޅެނީ އައްޑޫ ސިޓީ ހިތަދޫ އާއި ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލަކު ސިޓީގައެވެ. ހިތަދޫގައި 11،070 ދިވެހިންނާއި 2،675 ބިދޭސީން ދިރިއުޅެއެވެ. މުޅި އައްޑޫ ސިޓީގައި ދިރިއުޅޭ އާބާދީއަކީ 25،053 އެވެ. އެއީ 20،302 ދިވެހިންނާއި 4،751 ބިދޭސީންނެވެ. އަދި ކުޅުދުއްފުށީގައި 9،265 ދިވެހިންނާއި 986 ބިދޭސީން ދިރިއުޅޭ އިރު، ފުވައްމުލަކު ސިޓީގައި ދިރިއުޅެނީ 7،888 ދިވެހިންނާއި 1،278 ބިދޭސީންނެވެ.