މޭޖަރ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ސިފައިންގެ އަހަރީ ބަޑި މުބާރާތް 2019 ފަށައިފި އެވެ.
މި މުބާރާތް މިއަދު ހެންދުނު ގިރިފުށި ޓްރެއިނިގް ސެންޓަރުގައި ފައްޓަވާފައި ވަނީ އެކަމަށް ހާއްސަކޮށްގެނ2 ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާއިޔާ އަހުމަދު ދީދީ އެވެ.
މި މުބާރާތް ފެއްޓެވުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފްގެ އިތުރުން ޖެނެރަލް އޮފިސަރުން ވަނީ ބަޑި ޖައްސަވައިފައެވެ.
މި މުބަރާތަކީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމަހު 25ގައި ފެށި މި މުބާރާތް އަންނަ އޭޕްރީލް މަހު 8 ކާއި ހަމައަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ޖުމްލަ 31 ޔުނިޓުން ބައިވެރިވާއިރު ޓީމް އަދި އިންޑިވިޖުއަލް ކެޓަގަރީ ހިމެނެއެވެ. އެގޮތުން ޓީމް އިވެންޓުގައި 27 ޓީމަކުން ބަޑި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. 3 ފޭހައަކަށް ބަހާލައިގެން ކޮމްބެޓް އެފިޝެންސީ ޓެސްޓަކާއެކު މި އިންޑިވިޖުއަލް ކެޓަގަރީ ކުރިއަށްގެންދިއުމަށް ހަމަޖެހިފާއިރު، މި ކެޓަގަރީގައި 31 ޔުނިޓުން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ހާއްސަ ކޮށްފައިވާ މޭޖަރ އިނގިރޭސި އުމަރު މަނިކަކީ ދިގު މުއްދަތަކަށް ސިފައިންގެއަށް ހިދުމަތްކޮށްދެއްވި ބޭފުޅެކެވެ. އަދި އޭނާ އަކީ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.