ޚަބަރު

މާފަންނު ފެރީ ޓާމިނަލް ފަޅުގައި ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ރިފާ ހަލީލު

މާލޭގައި ހުންނަ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުގެ ފަޅުތެރޭގައި ގަވާއިދާ ހިލާފަށް އަޅާފައި ހުރި އުޅަނދުތައް ނަގަން އެމްޓީސީސީން އަންގައިފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވިލިމާލޭ ޓާމިނަލް ހިމެނޭ ސަރަހައްދުގެ ފަޅުތެރެއަކީ ހަމައެކަނި އެމްޓީސީސީގެ ފެރީތައް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ.

ނަމަވެސް އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އެހެނިހެން އުޅަނދުތައް އަޅާފައި ހުރުމުގެ ސަބަބުން ފެރީތައް ގަޑިއަށް ފުރުމާއި ލެފުމަށް ދަތިވެ، އެކްސިޑެންޓުތައްވެސް ހިނގަން މެދުވެރިވެފައިވާ ކަމަށް ބުންޏެވެ.

އެހެންވެ، ގަވާއިދާ ހިލާފަށް އަޅާފައިވާ އުޅަނދުތައް 10 ދުވަސް ތެރޭ ނެގުމަށާއި އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގައިފިނަމަ އެ އުޅަނދުތައް ފުލުހުން މެދުވެރިކޮށްގެން ނަގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.