ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުވައްމުލަކު ސިޓީގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިއަދު ހެނދުނުން ފެށިގެން ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުުގެ ސަބަބުން ގޭގެއަށް ފެންވަންނަމުންދާތީ، އެމްއެންޑީއެފް ސައުތު އޭރިޔާގެ ސިފައިން އެހީތެރިކަްނ ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެތީ، ލާމު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ވައިޓް އެލާޓް ނެރެފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާއިރު، ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ.
މެދުތެރެ އާއި އުތުރުގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަމަށްވެސް ބުނެފައިވެއެވެ.