ޚަބަރު

ކުނި އެތެރެ ކުރުމުގެ ހުއްދަދޭ މާއްދާ ބަދަލުކޮށް، އެއީ މަނާކަމެއްކަމަށް ކަނޑައަޅައި ގާނޫނަށް އިސްލާހު ހުށަހަޅައިފި

އިބްރާހިމް ޒަކީ

ރާއްޖެއަށް ކުނި އެތެރެ ކުރެވޭގޮތަށް އޮތް މާއްދާ ބަދަލުކޮށް، އެއީ މަނާކަމެއްކަމަށް ކަނޑައަޅައި ކުނި މެނޭޖު ކުރުމާބެހޭ ގާނޫނު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

ރާއްޖެއަށް ކުނި އެތެރެކުރުމާބެހޭ ކަންތައްތައް ބަޔާންކުރާ އެ ގާނޫނުގެ 44 ވަނަ މާއްދާގައި މިހާރު އޮތީ، މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެކޮށްގެން ނުވާނެ ކަމަށެވެ. އަދި ކުނި އެތެރެކުރުމުގެ ހުއްދައަކަށް އެދުމުން އެފަދަ ހުއްދައެއް ދޫކުރަންވާނީ، މިނިސްޓްރީން ހަދައި އާއްމުކޮށް ޝާއިއު ކުރާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނުގައި އެހެން އޮތުމުން، ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަރާތްތަކުގެ ކަންބޮޑުވުމާ ގުޅިގެން ގާނޫނަށް އިސްލާހު ގެންނާނެ ކަމަށް މީގެ ކުރިންވެސް ސަރުކާރުން ވަނީ ބުނެފައެވެ.

މިއަދު ސަރުކާރުން ހުށަހަޅައިގެން މަޖިލީހަށް ތައާރަފުކުރި ބިލެއްގެ ގޮތުގައި ފުރަތަމަ ކިޔުން އިއްވި މި ބިލުގައި، 44 ވަނަ މާއްދާ އިސްލާހުކުރަން ހުށަހަޅާފައިވަނީ، އެއްވެސް ފަރާތަކުން ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ މަނާކަމެއް ކަމަށް ހިމެނުމަށެވެ.

މީގެ އިތުރުން މި ބިލުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ޓެސްޓުކޮށް ސާޓިފައިކުރާނެ ގަވާއިދުތައް އެކުލަވާލުމާއި، ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމުކުރާ ސަރަހައްދުތައް ކަނޑައެޅުމަށް ތިމާވެށީގެ ގޮތުން ބަލަންޖެހޭ މިންގަނޑުތައް އެކުލަވާލައި އާންމުކުރުމާއި، ކުނި މެނޭޖުކުރުމުގެ ގައުމީ މާސްޓާ ޕްލޭން ތަންފީޒުކުރަންވެސް ވަނީ ހުށަހަޅައިފައެވެ.