އިބްރާހިމް ޒަކީ
ޒަކާތު ފަންޑުން ވޭތުވެދިތަ ތިން އަހަރު ދުވަހުގެ ތެރޭގައި އެކި ފަރާތްތަކުގެ ބޭސްފަރުވާއަށް 65 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށްދާ މީހުންނަށް ޒަކާތު ފަންޑުން ކިހާވަރަކަށް އެހީތެރިކަން ފޯރުކޮށްދެވޭތޯ ބެލުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިޔުމުން ޖަވާބު ހޯދުމަށް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ޒާހިރު ވިދާޅުވީ، ބޭސްފަރުވާ ކުރަން ޒަކާތު ފަންޑުން އެހީތެރިވުމަށް ހިމެނިފައިވާ އުސޫލުގެ ދަށުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
އެގޮތަށް އެހީ ފޯރުކޮށްދެނީ ބެހެނިވެރިން ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިގެ ތެރެއިން ކަމަށްވެސް ވިދާޅުވިއެވެ.