ޚަބަރު

ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ އާއި އިނާޔަތް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ސިޓީ ކައުންސިލްތަކަށް ބާރު ދިނުމާއެކު، ކައުންސިލް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ 34 މެންބަރުންގެ އިއްތިފާގުންނެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، ސިޓީ ކައުންސިލްތަކަށް ބާރުތައް ދެއްވުމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ ބާރުތައް ދީ، ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ފާސްކޮށްފައެވެ.

މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން މަޖިލީހަށް ހުށަހެޅި ގޮތަށެވެ.

މާލިއްޔަތު ކޮމިޓީން ނިންމާފައި ވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރަ 30،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 10،000 ރުފިޔާއަށް ބޮޑު ކުރުމަށެވެ.

އަދި ޑެޕިއުޓީ މޭޔަރުގެ މުސާރަ 27،000 ރުފިޔާއަށް އަދި ލިވިންގް އެލަވަންސް 8000 ރުފިޔާއަށް ބޮޑު ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލް މެންބަރުންގެ މުސާރަ 24،000 ރުފިޔާއަށް އަދި ލިވިންގް އެލަވަން 6000 ރުފިޔާއަށް ބޮޑު ކުރުމަށް ވަނީ ނިންމައިފައެވެ.

މި ބަދަލު ގެނައުމުގެ ކުރިން ސިޓީ ކައުންސިލްތަކުގެ މޭޔަރަށް މުސާރައިގެ ގޮތުގައި ލިބެނީ 15،000 އަދި ލިވިންގް އެލަވަންސަށް 3،000 ރުފިޔާ އެވެ. އަދި ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓި މޭޔަރަށް މުސާރައަށް 12،000 އަދި ލިވިންގް އެލަވަންސްގެ ގޮތުގައި 2،000 ރުފިޔާ ލިބެއެވެ. މީގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި 10،000 އަދި ލިވިންގް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ލިބެއެވެ.