ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ރުހުމާއި މަގުބޫލުކަން ހޯދަމުން ދަނީ އެމްޑީޕީ މެމްބަރުން ކަމަށް ދެއްކިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިހާބާ ގުޅިގެން އެމްޑީޕީން މިއަދު ގއ. ދާންދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދަނީ އެ ފަރާތްތަކަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ގާތް ރަހުމަތްތެރިން ކަމަށް ބުނަމުން، މަގުބޫލުކަން ހޯދަމުން ކަމަށެވެ.
"ކުރިމަތިލައްވާފައި މި ތިއްބަވަނީ ތިމަންނާއަކީ ތިމަންނާއެއް ނޫނޭ. ތިމަންނާއަކީ ހަގީގަތުގައި އެމްޑީޕީ މެމްބަރެކޭ ކަލޭމެންނަކަށް އެކަމެއް ނޭނގޭ ހެއްޔޭ. ތިމަންނައާ އަސްލު ވަރަށް ގާތް މީހެކޭ ރައީސް ސޯލިހަކީ، ރައީސް ނަޝީދަކީ. ތިމަންނާ ގިނަ ފަހަރަށް އުޅެނީވެސް އެމީހުންނާ އެކީގައޭ. ތިމަންނާގެ ވަރަށް ގާތް ރަށްޓެހީންނޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެންވެސް އެނގެނީ ދިވެހިން މިއަދު ބޭނުންވަނީ އެމްޑީޕީ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ގޮތަކަށް ކަންތައް ކުރުމަކީވެސް އެމްޑީޕީއަށް އޮތް ފަހުރެއް ކަމަށެވެ.