މިއަދަކީ ރޯދަ މަހުގެ ހަ ވަނަ ދުވަހުއެވެ. މަަސް މާރުކޭޓުގައި މިއަދުވެސް ގިނަ ބާވަތްތަކުގެ މަސް ލިބެން އެބަހުއްޓެވެ. މާރުކޭޓުގައި މިއަދު އެންމެ ފާހަގަވީ ގޯބިޔަ ކިޔާ މަހެކެވެ. މާރުކޭޓުގައި ދެ ކޯބިޔަ އޮތްއިރު އެއްޗެއްގެ އަގަކީ 60 ރުފިޔާއެވެ.
ކޯބިޔައަކީ އައްޓަމަހެއްގެ ބައްޓަމަށް ހުންނަ ވަރަށް މަދުން ނޫނީ ނުބާނާ މަހެކެވެ. އެއީ ރާއްޖެއިން އާއްމުކޮށް ފެންނަ މަހެއް ނޫނެވެ.
މިއީ ބޯފަތިކޮށް އަނގަ ވަރަށް ފުޅާކޮށް ދިގުކޮށް ހުންނަ މަހެކެވެ. މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮތަރިބައިގައި ވަކިވަކިން ކުރުކޮށް އަށެއްކަ ކަށި ހުރެއެވެ. މި މަސް އެންމެ ބޮޑުވަނީ ދެ މީޓަރަށެވެ. މަހުގެ ނިގޫފަތުގެ ކޮޅު ހުންނަނީ ހަނދުފަޅި ބުރަށް ކަފިކޮށެވެ. ނަމަވެސް ޅަމަހުގެ ނިގޫފަތް ހުންނަނީ ކޮޅަށް ވަށް ކޮށެވެ. މިއީ މާކަނޑުތަކުގެ މަތީބައިގައި އުޅޭ މަހެކެވެ. ނަމަވެސް ބައެއް ފަހަރު ކުދިކުދި އައިން ހަދައިގެން ފަރުތަކުގެ ބޭރުގައި އުޅެއެވެ.
ކޯބިޔައަކީ އައްޓަމަހުގެ އާއިލާއާއި ކޮންމެވެސް ވަރަކަށް ގުޅުން ހުރި މަހެކެވެ. މި މަހުގެ އާންމު ސިފަތައް އައްޓަ މަސްއާއި ވަރަށް އެއްގޮތެވެ. ނަމަވެސް އައްޓަ މަހުގެ ބޮލުގެ މަތީގައި ހުންނަ ތަތްކުރާތަށި މި މަހަކު ނުހުރެއެެވެ. މަހުގެ ބުރަކަށިމައްޗާއި އަރިމަތީގެ ކުލައަކީ މުށި ކުލައެވެ. މަހުގެ ދެ އަރިމަތީގައި އަލިކޮށް ހުންނަ ފުޅާ ދެރޮނގު ފާޅުކޮށް ފެންނަށް ހުރެެެއެވެ. ބަނޑުދަށް ފަރާތް ހުންނަނީ ފަނޑު ރީނދޫ ކުލައަކަށެވެ. އެ މަހުގެ އާންމު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި މަސްމަހާ މެއްސާއި ބޯވަ ދިލަ މަހެވެ.
ކޯބިޔައަކީ ޝޫޝީއާއި ޓާކޯސް ފަދަ ތަކެތި ތައްޔާރުކުރުމަށްވެސް ބޭނުންކުރާ މަހެކެވެ.