ހަސަން ސާއިދު

އިންޑިއަން ގްރޯން ޕްރީގެ ދެވަނަ މުބާރާތުންވެސް ސާއިދަށް ދެ މެޑަލް

މިހާރު އިންޑިއާގައި ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީ ދެވަނަ މުބާރާތުންވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު ރިހި މެޑަލަކާއި ލޯ މެޑައްޔެއް ހޯދައިފިއެވެ.

އިންޑިއަން ގްރޯން ޕްރީގެ ދެވަނަ މުބާރާތުގައި މިއަދު ސާއިދު ދެ މެޑަލް ހޯދީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުންނެވެ. ސާއިދު 100 މީޓަރު ދުވުމުން ލޯ މެޑަލް ހޯދި އިރު، 200 މީޓަރު ދުވުމުން ލިބުނީ ރިހި މެޑަލްއެވެ.

މިއަދުގެ އިވެންޓްތަކުގައިވެސް މެޑަލް ދީފައި ވަނީ ހީޓްތަކުގެ ޖުމުލަ ޓައިމިން ބަލައިގެންނެވެ. ސާއިދު ދުވި 100 މީޓަރު ހީޓްގެ އެއްވަނަ އޭނާ ހޯދި އިރު، ސާއިދު ހީޓް ނިންމީ 10.76 ސިކުންތުންނެވެ. ސާއިދަށްވުރެ ކުރިން ނިންމީ އަނެއް ހީޓުގައި ވާދަކުރި ހަރްޔާނާގެ ސަންޖީތު އާއި އޮޑިޝާގެ އަމިޔާއެވެ. ސަންޖީތު ވަނީ 10.65 ސިކުންތުން ރޭސް ނިންމައިފައެވެ. އަދި އަމިޔާގެ ޓައިމިން އަކީ 10.66 ސިކުންތެވެ.

ސާއިދު، 200 މީޓަރު ރޭހުން ދެވަނަ ހޯދި އިރު، ވާދަކުރި ހީޓުގެވެސް ދިޔައީ ދެވަނަ އަށެވެ. އެގޮތުން ސާއިދުއާ އެއް ހީޓެއްގައި ވާދަކޮށް، ކެރަލާގެ މުހައްމަދު ރޭސް ނިންމީ 21.54 ސިކުންތުންނެވެ. ސާއިދުގެ ޓައިމިން އަކީ 21.61 ސިކުންތެވެ.

އިންޑިއަން ގްރޯން ޕްރީގައި ވާދަކުރަމުން އަންނަ ދިވެހި އެތުލީޓުންނަކީ އިންޑިއަން ހައި ކޮމިޝަނުން ދިން ފުލް ޓައިމް ޓްރެއިނިން ސްކޮލަޝިޕެއްގައި އިންޑިއާގެ ބެންގަލޫރުގައި ޓްރެއިނިން ހަދަމުން އަންނަ ގައުމީ އެތުލީޓުންނެވެ. އިންޑިއަން ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުގައި ސާއިދު ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އަދި ޖައިޝާ ޖުނީސްވެސް ވަނީ ލޯ މެޑަލް ހޯދައިފައެވެ.