އިބްރާހިމް ޒަކީ
ތިން ކޮޓަރީގެ އެޕާޓްމަންޓެއް 6،000 ރުފިޔާއަށް ލިބޭނެގޮތަށް ހަމަޖައްސައި، މި ސަރުކާރުގެ ސޯޝަލް ހައުސިން މަޝްރޫއުގެ 4،000 ހައުސިން ޔުނިޓް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެވޭވަރު ވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން އަތް ފޯރާ ފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ސޯޝަލް ހައުސިންގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ ކުލި އުޅޭނީ ފަސްހާސް ރުފިޔާ އާއި ހަހާސް ރުފިޔާ އާ ދެމެދުގަ" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ފަސް އަހަރުގެދައުރު ނިމޭއިރު ބޯހިޔާވަހިކަމަށް ސަލާން ޖެހުމުގެ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށެވެ.
ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވާއިރު، ސޯޝަލަ ހައުސިން ޕްރޮޖެކްޓްގެ ދަށުން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރަންފެށި 7000 ފްލެޓްގެ ސްޓްރެކްޗާއަށް ބަދަލު ގެނައުމަށް މި ސަރުކާރުން ވަނީ ނިންމައިފައެވެ.
އެގޮތުން އެ ޕްރޮޖެކްޓްގައި ހިމެނޭ 2 ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް މި ސަރުކާރުން ދަނީ 3 ކޮޓަރިއަށް ބަދަލު ކުރަމުންނެވެ.