ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޖޭޕީން ޕީޕީއެމާއެކު މަސައްކަތް ކުރިޔަސް ސަރުކާރަށް ލޮޅުމެއް ނާރާނެ، ކޯލީޝަން ރޫޅޭވަރުގެ ކަމެއްނުވޭ

އިބްރާހިމް ޒަކީ

ސަރުކާރު ކޯލީޝަން ރޫޅިގެންދާ ވަރުގެ ކަމެއް މިހާތަނަށް ދިމާވެފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު، ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކަންކަމުގައި ހިޔާލު ތަފާތުވުން އޮންނާނެ ކަމަށާއި، އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ކޯލީޝަން ޕާޓުނަރުންނާއެކީގައި ކުރިއަށްދާން އެއްބަސް ނުވެވުނީމަ ހިޔާލު ތަފާތުވުން އެބަހުރި ކަމަށެވެ.

"އަޅުަގނޑަށް ގަބޫލެއް ނުކުރެވޭ އަޅުގަނޑުމެންގެ ކޯލީޝަން ރޫޅިގެންދާވަރުގެކަމެއް އަދި މިހާތަނަށް ވެފައިއޮތްކަމަކަށް، އަދި ކޯލީޝަން ރޫޅޭނެ ކަމަކަށް ވެސް އަޅުގަނޑަކަށެއް ނުފެނޭ. ހިޔާލު ތަފާތުވުން ހުންނާނެ، އެއީ ދެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގައި އަޅުގަނޑުމެންނާ އެކީގަ، ދާން އެއްބަސް ނުވެވުނީމަ އޭގެން ހިޔާލު ތަފާތުވުންތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ކޯލީޝަން ޕާޓީއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީން، ސަރުކާރާ މައްސަލަތަކެއްޖެހި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން އިދިކޮޅު ޕީޕީއެމް އާއެކު ފާޅުގައި މަސައްކަތް ކުރަން ފެށުމުގެ ސަބަބުން ސަރުކާރަށް ލޮޅުމެއް އައިސްފާނެތޯ؟ ޕްރޮގްރާމްގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެކަމުގެ ސަބަބުން ސަރުކާރަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރު ކޯލީޝަން ރޫޅޭނެ ސަބަބެއް ދިމާވިޔަ ނުދެއްވުމަށް އެ މަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކަން ހާސިލްވެސް ވާނެ ކަމަށެވެ.

"ކޯލީޝަން ރޫޅޭނެ ސަބަބެއް ދިމާވިޔަ ނުދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑު އެބަކުރަން. އަޅުގަނޑު ހިތުން އެކަން އަޅުގަނޑަށް ހާސިލު ކުރެވޭނެ" ރައީސް ވިދާޅުވިއެވެ.