އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތައް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް އޭގެ ތެރެއިން ނިންބޭފުޅުންގެ ނަމަށް ކޮމިޓީން ރުހުންދޭން ފާސްކޮށް، މަޖިިލިސް ތަޅުމަށް ފޮނުވާފައިވަނީ ގޯސްކޮށް ކަަމަށް ވިދާޅުވެ އެކަން ރަނގަޅު ކުރެއްވުމަށް އެދި ވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލައްވައިފިއެވެ.
އެކަން ރަނގަޅު ކުރެއްވުމަށް އެދި ވަޑައިގެން މަޖިލިސް ރައީސް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އޮންލައިންކޮށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވުމަށް މެންބަރުން އެދިވަޑަިގެންފި ނަމަ އެފުރުސަތު ދޭންވާނެ ކަމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވީނަމަވެސް، އެ ފުރުސަތު ދޭންޖެހޭނީ ރަސްމީ ދަތުރު ފުޅުތަކުގައި ތިއްބަވާ މެންބަރުންނަށް ކަމަށް އެ ކޮމިޓީން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަންޑާފައިވާ ކޮމިޓީ އެލަވަންސް ދިނުމުގެ އުސޫލު ބުނާގޮތުން، ރަސްމީ ދަތުރުފުޅުގަ އާއި ރިރެސްގައި މެންބަރުން އުޅުއްވާއިރު ބެލެވޭނީ ކޮމިޓީއަށް ހާޒިރުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ދައުރުގެ ތެރޭގައި ނަންގަވާޗުއްޓީ އާއި ސަލާމުގައި މެންބަރުން ތިއްބަވާއިރު ކޮމިޓީއަށް ހާޒިރުވި ކަމަށް ނުބެލެވޭނެކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ރަސްމީ ދަތުރު ފުޅުތަކުގައި ތިއްބަވާ މެންބަރުން ފިޔަވައި، އެހެން މެންބަރުން ކޮމިޓީ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވުމަކީ އާއްމު ކޮމިޓީގެ ނިންމުމާއި އަދި ކޮމިޓީގެ އެލަވަންސް ދިނުމުގައި މާލިއްޔަތު ކޮމިޓީން ކަނޑައަޅާފައިވާ އުސޫލާ ހިލާފް ކަމެއްކަން ވެސް މަޖިލިސް ރައީސްގެ ސިޓީ ފުލޫގައި ފާހަގަ ކުފައްވާފައިވެއެވެ.
އެކަންތައްތަކަށް ރިއާޔަތް ކުރައްވައި މަޖިލިސް ރައީސްގެ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ބްރޯޑްކޮމްއަށް މެންބަރުން އައްޔަން ކުރުމަށް ތިން ބޭފުޅުނަށް ރުހްދީ އޭގެ ތެރެއިން ބޭފުޅެއްގެ ނަން މަޖިލިސް ތަޅުމުން ފާސްކޮށްދިނުމަށްއެދި، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ރިޕޯޓު ފޮނުވާފައިވާއިރު، އެ މައްސަލަ ކޮމިޓީން ދިރާސާކުރި ބައްދަލުވުމުގައި، އެ ތިން ބޭފުޅުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެ ކޮމިޓީގެ މެންބަރު ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބުދުﷲ ސަނީފް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެވަޑައިގެންފައި ވަނީ އޮންލައިންކޮށް ކަމަށެވެ. ނަމަވެސް ސަނީފު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ނޫންކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ އެ ކަމަކީ ކޮމިޓީން ނެގި ވޯޓުގެ ސައްހަކަމާމެދު ސުވާލު ކުރުމުގެ ފުރުސަތު އޮތްކަމެއްކަމަށެވެ. އެހެންކަމުން އެކަން ރަނގަޅު
ކުރެއްވުމަށް މަޖިލިސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
ބްރޯޑް ކޮމްގެ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވި ފަސް ބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު އޭގެ ތެރެއިން ތިން ބޭފުޅަކަށް އެ ކޮމިޓީން ވަނީ ރުހުން ދީފައެވެ.