ޚަބަރު

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް ގުޅާލައި ގައުމީ ސިއްހީ ވިއުގަ އިފްތިތާހު ކޮށްފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކެއްގެ ގޮތުގައި ގުޅާލައި ''ގައުމީ ސިއްހީ ވިއުގަ'' އިފްތިތާހު ކޮށްފިއެވެ.

ހއ.ތުރާކުނުގައި މިކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ ހަފްލާއެއްގައި ''ގައުމީ ސިއްހީ ވިއުގަ'' އިފްތިތާހު ކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީނެވެ. ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއް ނެޓްވޯކެއްގެ ތެރެއިން ގުޅިގެންދާ މި ސިއްހީ ވިއުގަ އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެ ހިމެނޭ ވައުދެކެވެ.

އެގޮތުން ''ގައުމީ ސިއްހީ ވިއުގަ'' އާއި އެކު ކުރިން މެނުއަލްކޮށް ކުރަމުން އަންނަ އެތައް ކަމެއް މި ސޮފްޓްވެއާގެ ތެރެއިން ކުރެވޭނެއެވެ. އަދި ކުރިން މުހިއްމު އެކި ލިޔެ ކިޔުންތައް ފެކްސް، ނުވަތަ އީމެއިލް ކުރަމުން އައި އައުމަށް ނިމުމެއް އައިސް، މި ސޮފްޓްވެއާ ބޭނުންކޮށް، ފަސޭހައިން ބޭނުންވާ ލިޔެ ކިޔުންތައް ހިއްސާ ކުރެވޭނެ ކަމަށް ހެލްތު މިނިސްޓަރީން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް މިފަދަ ވިއުގައަކުން މުޅި ސިއްހީ ނިޒާމް ޑިޖިޓަލައިޒް ކުރުމުން އެތައް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެ ގޮތުން އެއް ހޮސްޕިޓަލަކުން ސިއްހީ ހިދުމަތް ހޯދުމަށް ފަހު އެހެން ރަށެއްގެ، ނުވަތަ މާލޭގެ ހޮސްޕިޓަލަކުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ މެޑިކަލް ހިސްޓްރީ ފަސޭހަކަމާއެކު، ހަމައެކަނި ބަލިމީހާގެ އައިޑީކާޑު ދައްކާލުމުން ފެންނާނެ ގޮތަށް ޑިޖިޓަލައިޒް ކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ އެއް ރަށުން އަނެއްރަށަށް ފަރުވާއަށް ދާއިރު ބޭސް ސިޓީތައް ހަމަނުވުމުގެ އިތުރުން ހުރިހާ ލިޔެކިޔުންތައް ހިފައިގެންދާދިދުމަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.

މިހާރު މިކަންކަން ޑިޖިޓަލައިޒް ކުރަން ބޭނުންވާ ސޮފްޓްވެއާތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ. މީގެ އިތުރުން މި ވިއުގައިގެ އެހީގައި ވީޑިއޯ ކޮންފަރެންސާއެކު މީހުން ތަމްރީނުކޮށް ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އިން މައުލޫމަތުދިނެވެ.

މިއަދު އިފްތިތާހު ކުރެވުނު ''ގައުމީ ސިއްހީ ވިއުގަ'' ގެ ތެރެއިން ފުރަތަމަ ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އާސަންދައިގެ "ވިނަވި" ސޮފްޓްވެއާ އަދި ގަވަރމަންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމްގެ އިތުރުން ޖެމްސް ސޮފްޓްވެއާ އެވެ.