އިބްރާހިމް ޒަކީ
ރައްޔިތުން ބޭނުންވާ ނިޒާކަމީ ރިޔާސީ ނިޒާމުކަމަށް ރައްޔިތުން ނިންމާފައި ވަނިކޮށް އެ ނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރުމުގެ ފަހަތުގައި ވަނީ ކޮން ކަހަލަ ބޭނުމެއްތޯ، ސުވާލު އުފެދޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ޝައިހު އިލިޔާސް މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުން ބޭނުންވާ ވެރިކަމުގެ ނިޒާމް ދެނެގަންނަން އަލުން ވޯޓަކަށް ދާންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެސްއެމްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭ ގައި ރިޔާސީ ނިޒާމެއްގެ ގޮތުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅިގެން ދިޔައީ އެ ވޯޓުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންނަށް ވުރެ ވޯޓު ލީ މީހުން ގިނަ ކަމަށް އިއުލާނު ކުރުމަށް ފަހުން ކަމަށެވެ.
އެހެންކަމުން މިހާރު އަމަލު ކުރަން ޖެހޭ ގޮތް އަލުން ދެނެގަތުމަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން ރާއްޖޭގައި އޮތުމަށް ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ވޯޓުން ކަނޑައަޅައިފި ނަމަ އެގޮތަށް އަމަލު ކުރައްވާނެ ކަމަށާއި، އެހެން ގޮތަކަށް ރައްޔިތުން ނިންމި ނަމަވެސް އެގޮތަށް އަމަލު ކުރެއްވުމަށް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ވާހަކަފުޅާ ގުޅިގެން ޝައިޚު އިލިޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވެރިކަމުގެ މިނިޒާމު ބަދަލު ކުރުމަށް މަސައްކަތް ކުރުމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށާއި، އޮޅުވާލައިގެން ކަންކަން ކުރަން އުޅުމަކީ ބަލައި ގަނެވޭނެ ކަމެއްނޫން ކަމަށެވެ.