ޚަބަރު

މަޖިލިސް އިންތިހާބުގަ ފުލްކޮށް އެމްޑީޕީ ކެމްޕެއިން އަށް ނިކުތީ ވަރަށް ވިސްނުމަށްފަހު: ރައީސް

އިބްރާހިމް ޒަކީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ފުލްކޮށް އެމްޑީޕީއަށް އެކަނި ކެމްޕެއިން ކޮށްދެއްވުމަށް އެމްޑީޕީގެ ކެމްޕެއިންނަށް ނިކުންނެވީ ވަރަށް ވިސްނެވުމަށްފަހުގައި ކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކޯލީޝަންގެ ވެރިކަމެއްގައި، ހަމަ އެކަނި އެމްޑީޕީގެ މެންބަރުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ނިކުމެ ވަޑައިގެން އުޅުއްވުމަކީ ކޯލީޝަން އެއްބަސްވުމާ ހިލާފްކަމެއް ކަަމަށް ބައެއް ފަރާތްތަކުން ދެކޭކަމަށް މިއަދު ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި ރައީސުލް ޖުމްހުރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ނަމަވެސް އެމްޑީޕީއަށް ކޮށްދެއްވަން ޖެހޭ ކަންކަން ކޮށްދެއްވަން ޖެހިވަޑަައިގަންނަވާނެ ކަމަށެވެ.

"އެމްޑީޕީގެ އަސާސީގަވާއިދުގައި އޮންނަނީ އަޅުގަނޑަކީ އެންމެ އިސް ލީޑަރުގެ ގޮތުގައި، އެހެންވީމަ ވެރިކަމުގައި ހުރި ނަމަވެސް އެމްޑީޕީ އަށް ކޮށްދެންޖެހޭ ކަންތައްތައް ކޮށްދެންޖެހޭނެ. އެނގި ވަޑައި ގަންނަވާނެ ކުރިއަށް އޮތް މަޖިލީހަށް އެކީގަ ކޯލީޝަނަށް ދިއުމަށް އެއްބަހެއް ނުވެވުނު. އެހެންވީމާ ވަރަށް ވިސްނައިފަ އަޅުގަނޑު އެމްޑީޕީ ކެމްޕެއިންގަ ފުލްކޮށް މި ނިކުތީ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އަޣުލަބިއްޔަތު ސަރުކާރަށް ހޯއްދެވުމަށާއި ގިނަ ގޮނޑިތަކެއްް އެމްޑީޕީއަށް ހޮއްދެވުމަށް ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް ބުނަމުން މި ދަނީ ސަރުކާރަށް އަޢުލަބިއްޔަތު އޮތުން މުހިންމޭ. އަދި އެއާ އެކީގަ އެމްޑީޕީއަށް ގިނަ ގޮނޑިތަކެއް ލިބުން މުނިންމޭ. އެނގިވަޑައިގަންނަވާނެ މި ކޯލީޝަންގެ އެންމެ ބޮޑުބައި މި އޮންނަނީ އެމްޑީޕީގަ. އެހެންކަމުން ހަމަ އެނިސްބަތުން އެކަން މަޖިލީހުގަ އޮތުން މުހިއްމު ކަމަށް އަޅުގަނޑު ދެކެނީ ރަނގަޅު ގޮތްކަމަށް. އަދި ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދުވެސް އޮންނަނީ އެމްޑީޕީއަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަންސާސް ޕަސެންޓާ ކައިރިކުރާ އަދަދަކަށް މީހުން، އެމްޑީޕީގެ ސިޔާސަތުތައް ގަބޫލުކުރާ ކަމަށެވެ.

"އެހެންވީމާ އެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި ވީހާވެސް ގިނަ ގޮނޑިއެއް މަޖިލީހުގައި އެމްޑީޕީއަށް ލިބުމަކީ ގައިމުވެސް ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް މުހިއްމު ކަމަކަށްވާތީ ނިކުތީ،" ރައީސް ވިދާޅުވިއެވެ.