ރައްޔިތުންގެ މަޖިލީހަށް ދާ މެމްބަރަކީ އޭނާގެ ތާރީހު ސާފު، ސީދާކޮށް އޮތް މީހަކަށް ވާން ޖެހޭ މީހެއް ކަމަށް މަޖިލިސް އިންތިހާބުގައި، އަމިއްލަގޮތުން މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ މއ. ބާބުލްއަވާލީ އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
އިބްރާހީމް މުހައްމަދު މިހެން ވިދާޅުވީ ޓީވީއެމް އިން ކުރިއަށް ގެންދިޔަ މަޖިލިސް ބަހުސްގެ މައްޗަންގޮޅި މެދު ދާއިރާގެ ބައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިބްރާހީމް ވިދާޅުވީ އޭނާގެ މައްޗަކަށް އެއްވެސް ހާލަތެއްގައި ދައުލަތުގެ މުދަލެއްގައި ޖެހިފައި އޮތް ކަމުގެ ތުހުމަތެއް ދެ ފަރާތުގެ އާއިލާގައިވެސް ނުކުރެވޭނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑަކީ ވަރަށް ސާފު މީހެއް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެއްވެސް ބޭފުޅަކާ މަގާމެއް ހަވާލުކުރެއްވުމުން އެ މަގާމަކުން ބަރީއަވާގޮތަށް ނުވަތަ އެ ދޫކޮށް ވަޑައިގަތުމަކީ އެއްވެސް މީހެއްގެ ގާބިލުކަމެއް ކަމަށް ނުދެކެވޭނެ ކަމަށެވެ.
"އަޅުގަނޑަކީ އެކަހަލަ އަމަލެއް ކުރާނެ މީހެއް ނޫން. އަދި ފާއިތުވި ތަނުގައި އެކަހަލަ ކަމެއްވެސް ކޮށްފައިވާނެ މީހެއް ނޫން،" އޭނާ ވިދާޅުވިއެވެ.