ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ކޮމިޓީގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ދިމާވަމުންދާ ދަތިތަކާއި އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި ކޮމިޓީން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވައިފައެވެ.
އެގޮތުން މިހާރުވެސް ކޮމިޓީގެ އިސްނެގުމުގެ މަތީން ކުރިއަށް ގެންދާ އެކި އެކި އިޖުތިމާއީ ހަރަކާތްތަކާއި، އަންހެނުންނަކީ ހުރިހާ ގޮތަކުންވެސް ބާރުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކޮމިޓީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ވަނީ ރައީސަށް އަރުވައިފައެވެ.
އޭގެއިތުރުން އެކި ގޮތްގޮތުން ކޮމިޓީއަށާއި އައްޑޫސިޓީގެ އަންހެނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު މެންބަރުންގެ ހުރި ކަންބޮޑުވުންތަކާބެހޭ މައުލޫމާތު ވަނީ ދެއްވައިފައެވެ.
އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އަންހެނުންނަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ސަރުކާރުން އަބަދުވެސް ވަރަށް ގާތުން ބައްލަވައި، ހައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.