ޝަހީދާ އަބްދުﷲ ސައީދު
ސިޔާސީ ސަބަބުތަކަށްޓަކައި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން 104 ފަރާތަކަށް ވަޒީފާ ދޭން މިހާތަނަށް ނިންމާފައިވާ ކަމަށް ރައިސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް، އެމީހުން ކުރިން ވަޒީފާ އަދާކުރިތަނުން ފުރުސަތު ހޯދައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އިން މަސައްކަތް ކުރަމުންދާކަމަށެވެ.
އޭގެ ތެރެއިން ބައެއް ފަރާތްތަކަކަށް މިހާރު ވަޒީފާ އިއާދަކޮށްދެއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހޫދު ވިދާޅުވީ، ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކުރި މުވައްޒިފުން ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 812 ޝަކުވާ އެއް ހުށައަޅާފައިވާ ކަމަށެވެ.
އެ ޝަކުވާތައް 49 މުއައްސަސާއަކަށް ރައްދުވާ ކަމަށާއި އެންމެ ގިނަ ޝަކުވާ ހުށައަޅާފައިވަނީ އެމްޕީއެލް އާއި، ފެނަކަ ކޯޕަރޭޝަނަށް ރައްދުވާގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ހުށަހަޅަފައިވާ ހުރިހާ ޝަކުވާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އިން މުރާޖައާކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަނަށް ރައްދުވާ 94 ޝަކުވާ އަކާއި އެމްޕީއެލްއަށް ރައްދުވާ 38 ޝަކުވާގެ އިތުރުން، ފުލުހުންނާއި، ޤައުމީ ދިފާއީ ބާރުގެ މައްޗަށް ރައްދުވާ 85 ޝަކުވާ ހުށައަޅާފައިވާކަމަށް ހޫދު ވިދާޅުވިއެވެ.
އެ މައްސަލަތައް ދިރާސާކުރުމަށްފަހު ސިޔާސީ ސަބަބުތައް އެކުލެވިގެންވާކަމަށް ފެންނާތީ ފުލުހުންގެ 35 ޝަކުވާ އަދި ޤައުމީ ދިފާއީ ބާރުގެ 28 ޝަކުވާއަށް ރިޔާއަތްކޮށް ވަޒީފާއިން ވަކިކޮށްފައިވާ ސަބަބު އަލުން މުރާޖައާކޮށްދިނުމަށް އެ މުއައްސަސާތަކުގައި އެ ކޮމިޝަންގެ ފަރާތުން އެދިފައިވާކަމަށް ހޫދުވަނީ ވިދާޅުވެފައެވެ.
ހޫދު ވިދާޅުވީ، ކޮމިޝަނަށް ހުށައެޅި 812 މައްސަލއިގެ ތެރެއިން 169 ޝަކުވާއާއި ގުޅިގެން އަލުން މަޢޫލޫމާތު ހޯދުމަށް އެ ޝަކުވާ ރައްދުވާ އިދާރާތަކަށް ފޮނުވާފައިވާކަމަށެވެ.