މިއަހަރުގެ "ރެހެންދި އެވޯޑް" ހަ ބޭފުޅަކާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ދީފިއެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މިރޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެވޯޑު ލިބުނު ފަރާތްތަކަށް ބުރޫޗާ ހަވާލުކޮށްދެއްވީ އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ހަތަރު ދާއިރާއަކުން ހަތް ފަރާތަކަށް ރެހެންދި އެވޯޑު ދީފައެވެ.
ހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.
މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި މި އެވޯޑު ދެއެވެ. 2020 ވަނަ ސަރުކާރުން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.