ޚަބަރު

ކޮއްދިއްޕަރު ރިސޯޓާ ދިމާލު ކަނޑުން މީހެއްގެ ހަށިގަނޑެއް ފެނިއްޖެ

ކ. ކޮއްދިއްޕަރު ރިސޯޓާ ދިމާލު ކަނޑު ތެރެއިން މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާންފަށައިފި އެވެ.

ފުލުހުން ބުނީ މިއީ ފިރިހެނެއްގެ ހަށިގަނޑެއް ކަމަށާއި ހަށިގަނޑު ވަރަށްބޮޑަށް ކުނިވެފައިވާމަށެވެ.

ފުލުހުން ބުނީ ކޮއްދިއްޕަރު ރިސޯޓާ ދިމާލު ކަނޑުގެ ސަރަހައްދުން މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު އިރު އޮއްސޭއިރު 18:36 ހާއިރު ކަމަށެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ދާދި ފަހުން ވަނީ މޫދަށް އެރިއުޅުމާއި އުޅަނދު ފަހަރަށް ދިމާވި ބައެއް ހާދިސާތަކުގައި ކަނޑުމައްޗަށް ބައެއް މީހުން ގެއްލުމުގެ ހާދިސާތަށް ދިމާވެފައެވެ.

އަދި ގިނަވަމުން އަންނަ އެފަދަ ހާދިސާތައް މަދުކުރުމަށް އެކި ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެފަދަ ހާދިސާތައް މަދުކުރުމަށް އެކިއެކި މިންގަނޑުތައް ކަނޑަ އަޅައި އިތުރު މަސައްކަތްތައް ދަނީ ސަރުކާރުން ކުރަމުންނެވެ.