ޚަބަރު

އައްޑޫސިޓީގެ ކަރަންޓްގެ މައްސަލައަށް ވަގުތީ ހައްލެއް ގެންނަނީ

އިބްރާހިމް ޒަކީ

2

މިމަހުގެ ވިހިވަނަ ދުވަހުން ފެށިގެން އައްޑޫ ސިޓީގެ ކަރަންޓްގެ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދައި ދިނުމުގެގޮތުން ފެނަކައިގެ ފަރާތުން 1.2 މެގްވޯޓް އަދި 800 ކިލޯވޯޓްގެ 2 ޖެންސެޓާއި، 2000 ކިލޯވޯޓް އަދި 1500 ކިލޯވޯޓްގެ 2 ޓްރާންސްފޯމަރު ގެންދިއުމުގެ މަސައްކަތް ކުރަމުންގެންދާކަމަށް ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އައްޑޫ ސިޓީއަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރު ސެޓް ތަކުގެ ތެރެއިން 2 މެގަވޯޓްގެ ޖަނަރޭޓަރަކަށް މިމަހުގެ 20 ވަނަ ދުވަހުންފެށިގެން ޓެކްނިކަލް މައްސަލައެއް ވަނީ ދިމާވެފައެވެ. އެ މައްސަލައާ ގުޅިގެން ލޯޑު މަތިވަމުންދާ ވަގުތު ތަކުގައި އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓްގެ ހިދުމަތް މެދު ކެނޑެމުންދާ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ފެނަކައިން ބުނިގޮތުގައި އެ މައްސަލަ ދިމާވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ފެނަކަ އާއި ސްޓެލްކޯގެ އިންޖިނޭރުން ހިމެނޭ ޓީމަކުން މައްސަލަ ހައްލު ރުމުގެ މަސައްކަތް ފެށި ނަމަވެސް، ދިމާވެފައިވަނީ ބޮޑު މައްސަލައަކަށް ވާތީ އެކަން ހައްލު ކުރެވެންއޮތީ ޖެންސެޓް ސަޕްލައިކޮށްދިން ފަރާތުގެ އިންޖިނޭރުންގެ އެހީތެރިކަން ލިބިގެންނެވެ.

އެހެންކަމުން ސަޕްލަޔަރުންގެ އިންޖިނޭރުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނީ، އައްޑޫސިޓީގެ ކަރަންޓްގެ ހިދުމަތަށް ދިމާވެފައިވާ މައްސަލައަށް އޮތް ދާއިމީ ހައްލަކީ، އެ ސިޓީގައި ކަރަންޓްގެ ހިދުމަތް ލިބިގަންނަ މިންވަރު އިތުރުވެގެންދާ ހަލުވި މިނާއެކު އެ ހިދުމަތް ދެވޭނެ ގާބިލްކަން އިތުރުކުރުން ކަމަށެވެ.

އެހެންކަމުން ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީއަށް 4 މެގަ ވޯޓާއި 2 މެގަ ވޯޓުގެ 2 ޖެންސެޓް ހޯދުމުގެ މަސައްކަތް ދާކަމަށް ފެނަކައިން ބުނެފައިވެއެވެ.

އައްޑޫސިޓީ ކަރަންޓްގެ ހިދުމަތަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ސީދާގޮތުން ދެއްވާ އިރުޝާދާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ދެއްވާ އެއްްބާރުލުން ފާހަގަކޮށް ފެނަކައިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟