ގދ.ތިނަދޫ، ތޭންކް، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ގދ.ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ހަތަރު ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާމެދު ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ (އެފްޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މި ކަމާގުޅޭ ގޮތުން އެ އޮތޯރިޓީއިން އާންމު ކުރި ބަޔާނެއްގައި ވަނީ ޝަހުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ހަތަރު މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހަޅައި ކުރިއަށްގެންދިޔަ އިރު، އެތަނުން އެއްވެސް މައްސަލައެއް ޝާހުގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމާމެދު އެ އޮތޯރިޓީއިން ކަންބޮޑުވާކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޕީޖީ އިން މި މައްސަލަތައް ސާބިތު ކުރެވޭވަރަށް ހެއްކާއި ގަރީނާ ހުށަހަޅަފައިވާނެ ކަމަށް ބުނާ އިރު އެއްވެސް މައްސަލައެއް ޝާހުގެ މައްްޗަށް ސާބިތު ނުވުމުން އެ އޮތޯރިޓީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ޕީޖީ އިން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމީ ގުޅުމަކީ ރަނގަޅު ނިންމުމެއްކަން ދޭހަވާގޮތަކަށް މި ބަޔާނުގައި ވަނީ ޒިޔާދާއަށް އިންސާފު ލިބޭނެކަމަށް އެ އޮތޯރިޓީއިން ހާމަކޮށްފައެވެ.
އެފްޕީއޭ އަކީ ގާނޫނީ ގޮތުން ގެވެށި އަނިޔާގެ އަމަލުން މީހުން ސަލާމަތް ކުރުމަށް ރާއްޖޭގައި އެކި މީހުން ކުރާ މަސައްކަތްތައް ވިލަރެސް ކުރުމުގެ އިތުރުން ގައުމީ ސިޔާސަތެއްގެ ދަށަށް އެ މަސައްކަތްތައް ގެނެސް ހިންގުމުގެ އިތުރުން، މިފަދަ މައްސަލަތަކުގައި އެންމެ އިސްސަފުގައި މަސައްކަތްކުރުމުގެ މަސްއޫލިއްޔަތު ހަވާލު ކޮށްފައިވާ މުއައްސަސާއެވެ.
ޒިޔާދާއަށް ލިބިފައި ހުރި އެކި އަނިޔާތަކަށް އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް 2015 ވަނަ އަހަރު އޭނާ ނިޔާވުމާ ގުޅިގެން އޭނާގެ ފިރިމީހާ ޝާހުގެ މައްޗަށް ދައުލަތުގެ ފަރާތުން ވަނީ 4 ދައުވާއެއްކޮށް 2016 ވަނަ އަހަރުގެ ތެރެއިން ޝަރިއްއަތްކުރަން ފަށާފައެވެ. އެގޮތުން ދައުލަތުން ޝާހުގެ މައްޗަށް ވަނީ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައެވެ. މި ހުރިހާ ދައުވާތައް ޝާހުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ހުކުމް ކޮށްފައެވެ.