ދައުލަތުގެ ފަރާތުން ޕީޕީއެމްއަށް ލިބެންޖެހޭ ފައިސާތަކުގެ ތެރެއިން އެއްވެސް ފައިސާއެއް އަދިވެސް އެ ޕާޓީއަށް ނުލިބޭ ކަމަށް އެ ޕާޓީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސްގެ ކޯލިޝަންގެ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން މިއަދު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވިދާޅުވިގޮތުގައި ދައުލަތުގެ ފަރާތުން ޕީޕީއެމްއަށް ޖުމްލަ 18 މިލިއަނެއްހާ ރުފިޔާ ލިބެން ޖެހެއެވެ.
އޭނާ ވިދާޅުވީ މިއަހަރުގެ ތިންވަނަ މަހަށް އެޅި އިރު ސަރުކާރުން ޕީޕީއެމްއަށް މިއަހަރު ދޭންޖެހޭ ފައިސާވެސް އެ ފައިސާގެ ތެރޭގައި ހުންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ފައިސާ ދީފައިނުވަނީ ކޯޓުގައި ޕީޕީއެމްގެ މައްސަލައެއް އޮތުމުން ކަމަށްވިޔަސް މިހާރު އެ ފައިސާ ނުލިބެންވީ ސަބަބެއް ނޭނގޭ ކަމަށެވެ.
"ސުޕްރީމް ކޯޓުން އަޅުގަނޑުމެންނާ އެއްކޮޅަށް މައްސަލަ ނިމުނު ދުވަހު، އަޅުގަނޑުމެންނަށް އެނގިފައިވާގޮތުން އީސީން ވަނީ ފިނޭންސަށް އެ ފައިސާ، ޕީޕީއެމްއަށް ދޫކުރަން އަންގާފައި. އަޅުގަނޑުމެން ވާނީ އެ ފައިސާ ހޯދުމަށް ފިނޭންސަށް ލިޔެފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.