ޚަބަރު

ބަންގްލަދޭޝްގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސް ސޯލިހު ބަންގްލަދޭޝްގެ މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ބަންގްލަދޭޝްގެ ރައީސް އެމް.ޑީ. ޢަބްދުލްޙާމިދު އަދި ބޮޑުވަޒީރު ޝެއިހް ހަސީނާއަށް އެ ގައުމުގެ މިނިވަންދުވަހުގެ ތަހުނިޔާގެ މެސެޖެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވައިފިއެވެ.

ބަންގްލަދޭޝްގެ ރައީސްގެ އިތުރުން ބޮޑުވަޒީރަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުން އަދި އެމަނިކުފާނުގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް މަރުހަބާ ވިދާޅުވެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވަވާފައެވެ. މީގެ އިތުރުން ރައީސްގެ މި މެސެޖުގައި ރައީސް ވަނީ ދެގައުމުގެ ދެމެދު އޮތް ޒމާންވީ އެކުވެރިކަމުގެ މައްޗަށް އަލި އަޅުވާލައި ދެ ގައުމުގެ ދެމެދު އޮތް އިހްތިރާމާއި، ދެގައުމުން ބަލައިގަންނަ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ސަގާފީ ގުޅުން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދެ ގައުމު އެއް ގައުމު އަނެއް ގައުމަށް އެއްބާރުލުން ދީ މިހާރެކޭވެސް އެއްގޮތަށް ކުރިއަށްއޮތް ދުވަސްތަކުގައިވެސް ކުރިއަށް ދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ މި މެސެޖުގައި ވިދާޅުވެފައެވެ.

ޕާކިސްތާނާ ވަކިވެ، ވަކި ގައުމެއްގެ ގޮތުގައި ބަންގްލަދޭޝްއަށް މިނިވަންކަން ލިބުނީ 1971 ވަނަ އަހަރުގެ މާޗް 26ގަ އެވެ. މިއަހަރު ބަންގްލަދޭޝްގައި ފާހަގަ ކުރަމުން އަންނަނީ އެގައުމުގެ 48 ވަނަ މިނިވަން ދުވަހެވެ.