ތިން އެއާޕޯޓެއްގެ ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެ އެވެ.
ގދ. ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޒްވީ ވިދާޅުވީ ރޭގަނޑު ދަތުރުތައް ކުރެވޭ ގޮތަށް އެއާޕޯޓްތަކުގެ ރަންވޭގައި ލައިޓް ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓް ހއ. ހޯރަފުއްޓާއި މާވަރުލު އެއާޕޯޓްގެ ލައިޓިން މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ކުޅުދުއްފުށީގެ ނައިޓް ލޭންޑިންގެ މަސައްކަތް ނިންމާލުމަށް އަޅުގަނޑުމެން މި ބަލަނީ މި ފެށޭ ރޯދަ މަހުގެ ފުރަތަމަ ކޮޅު. އަދި ހަމަ އެއާއެކު މާވާރުލު، ހޯރަފުށީގެ ދެ އެއާޕޯޓްވެސް ހަމަ އެކުއެކީގައި ކުރިއަށް އޮތް ދެ މަހެއްގެ ތެެރޭގައި އަޅުގަނޑުމެން ނިންމާލާނަން" ރިޒްވީ ވިދާޅުވިއެވެ.
ރިޒްވީ ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓާއެކު އެ ސަރަހައްދަށް އަހަރަކު ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނާނެ ކަމަށެވެ.
ރިޒްވީ ވިދާޅުވީ، ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މުވައްޒަފުންގެ ކުރިއެރުމަށްވެސް މި ވީ ދެ އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެގޮތުން ތަމްރީނު ލިބިފައިވާ މުވައްޒަފުން ނެގުމާއި އެއާޕޯޓުތަކަށް ބޭނުންވާ އިކުއިޕްމެންޓުތައް ހަމަކުރުމާއެކު އެއާޕޯޓުތައް ސިވިލް އޭވިއޭޝަން މިންގަނޑަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ރިޒްވީ އިތުރަށް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް ކަމަށާއި އޭވިއޭޝަން ދާއިރާގައި ބައި ގަރުނުން ނުގެނެވުނު ތަރައްގީ ދެ އަހަރުން ގެނެސްދެވިއްޖެ ކަމަށެވެ.