އިބްރާހިމް ޒަކީ
ފުލުހުންގެ ވަޒީފާތަކަށް ވައްދާ ފަރާތްތަކާ އިންޓަވައިއު ކުރުމުގެ އިތުރުން، އެ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާ ބަދަލުކޮށް، ބެކްގްރައުންޑް ޗެކު ކުރުމަކީ އިހުތިހާރީ ކަމެއްގެ ގޮތުގައި ހަދަަން ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަދަލު ގެނެސްފިއެވެ.
މިހާރު އެބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
އެގާނޫނުގެ 17 ވަނަ މާއްދާގައި މިހާރު ބުނަނީ، ފުލުހުންގެ ވަޒީފާއަކީ ގައުމީ ސަލާމަތާއި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މުހިއްމު ވަޒީފާއަކަށްވާތީ ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑް ޗެކު ކުރަންވާނެ ކަމަށެވެ. އެކަމަށްޓަކައި ކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ކަންތައްތައް ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް އެ މާއްދާއަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި އިސްލާހުގައި ވަނީ ބެކްގްރައުންޑް ޗެކު ކުރުމުގެ ގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ކުރެވިދާނެ ކަމަށެވެ.
އެއީ ޕޮލިސް ކޮމިޝަނަރަށް އޮތް އިހުތިޔާރެއްގެ ގޮތުގައި، އިސްލާހުގައި އޮތުމުން ބިލުގެ ބަހުސްގައި ސަރުކާރު ފެކްޝަނަށް ނިސްބަތްނުވާ ގިނަ މެންބަރުންތަކެއް ވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެެ މެންބަރުން ވިދާޅުވީ، އެއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ސަރުކާރުން ބިލަށް ހުށަހެޅި އިސްލާހެއް ކަމަށެވެ. ސަރުކާރުގެ މަގުސަދަކީ އެއީ ކޮންފަދަ ކުށްތަކަކަށް އަރައިގެންފައިވާ ބައެއްތޯ، ނުބަލައި ގިނަ އެކްޓިވިސްޓުން ތަކަކަށް ވަޒީފާދިނުން ކަމަށްވެސް އެ މެންބަރުން ތުހުމަތު ކުރެއްވިއެވެ. އަދި ބައެއް ފުލުހުންނަކީ ބައެއް ކުށްތަކަށް މިހާރުވެސް އަރައި ގަންނަަމުންދާ ބަޔަކަށްވާއިރު، މި އިސްލާހުގެ ސަބަބުން، ކުށަށް އަރައި ގަތުމަށް އެފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މެންބަރުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން، އެޓާނީ ޖެނެރަލް ވަނީ އެބިލުގައިވާ މާއްދާއަށް ބަދަލު ގެނެސްފައެވެ.
ޓޫފޯވަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައިރު، މިހާރު ބިލުގައި އޮތް އިސްލާހުގެ ބަދަލުގައި އެޓާނީޖެނެރަލްގެ ފަރާތުން ފޮނުވި އިސްލާހު ވަނީ ބިލުގައި ހިމަނައިފައެވެ.
އެގޮތުން ގާނޫނުގެ 17 ވަނަ މާއްދާގެ (ހ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ފުލުހުންގެ ހިދުމަތުގެ އެއްވެސް ވަޒީފާއަކަށް އެއްވެސް މުވައްޒަފަކު ކަނޑައެޅުމުގެ ކުރިން މި ގާނޫނުގެ ދަށުން ހަދާ ފުލުހުން ހިދުމަތުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އެމީހެއްގެ ބެކްގްރައުންޑް ޗެކް ކުރަންވާނެ ކަމަށެވެ. އަދި އެގޮތަށް ބެކްގްރައުންޑް ޗެކް ކުރުމުގެ ގޮތުން ކުށުގެ ރެކޯޑް ސާފު ކުރުމުގެ އިތުރުން ބެކްގްރައުންޑް އެނެލިސިސްއެއް ހަދަން ޖެހޭނެ ކަމަށްވެސް ހުށަހަޅާފައިވެއވެެ.
ނަމަވެސް ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފުލުހަކީ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެކަމަށް، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ހުށަހެޅި އިސްލާހަށް ބަދަލު ގެނެސްފައެއްނުވެއެވެ. އެއީވެސް ބައެއް މެންބަރުން ފާޑު ވިދާޅުވި އިސްލާހެކެވެ.
އެ މާއްދާގައި މިހާރު އޮންނަނީ، ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފަރާތަކީ ތަހުގީގު ކުރުމާ ގުޅުންހުރި ދާއިރާއެއް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލުކުރާ އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތަކަށް ވާންވާނެ އެވެ. އަދި މި މަގުސަދު ހާސިލު ކުރުމަށްޓަކައި މި ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް މި އަކުރަށް އަމަލު ކުރުން ފަސް ކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސް އަށް ލިބިގެންވާ ކަމަށެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ.
އެހެންކަމުން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައި ވަނީ އެ މުއްދަތު، 27 މާޗް 2024 ގެ ނިޔަލަށް ފަސްކުރުމުގެ އިހުތިޔާރު ކޮމިޝަނާ އޮފް ޕޮލިސް އަށް ދިނުމަށެވެ.
މި އިސްލާހުތަކާއެކު ޓޫފޯވަން ކޮމިޓީން އިއްޔެ ވަނީ މިބިލު ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވައިފައެވެ.