ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ ޑރ.އޭކޭ އަބްދުލް މޯމެން (އެމް.ޕީ) އަށް ތަހުނިޔާގެ މެސެޖެއް ފޮނުވައިފިއެވެ.
އެގޮތުން މިނިސްޓަރ ވަނީ ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން އަދި އެމަނިކުފާނުގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުންނަށް އެގައުމުގެ 48 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އާއި މުބާރަކްބާދީ އަރިސްކުރައްވައިފައެވެ. މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ބަންގްލަދޭޝް އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް އަޚުވަންތަ ގުޅުން ފާހަގަކުރައްވައި، މި ގުޅުން ކުރިއަށްއޮތްތާގައި އިތުރަށް ހަރުދަނާވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުުރުން ބަންގްލަދޭޝްގެ ރައްޔިތުންނަށް އަމާންކަމާއި ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރުގެ މެސެޖުގައި ވަނީ ފާހަގަކުރައްވައިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމު ބައިނަލްއަގްވާމީ މަޝްރަހުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވަވައިފައެވެ.