ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީއޮފް އާރޓްސްގައި އެޕްލައިޑް ލިންގުއިސްޓިކްސް (ދިވެހި ބަސް)ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) ހަދަން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ވިދާޅުވީ ދިވެހިބަހުން ޕީ.އެޗް.ޑީ ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލުމަކީ ގައުމީ ޔުނިވާސިޓީގެ ވަރަށް މުހިންމު އަމާޒެއް ކަމަށާއި މިއަދު އެކަން ހާސިލުވެވަޑައިގެންފި ކަމަށެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މިއީ ދިވެހިބަސް މުޅީން އާ މޭލުގަލަކާ ހަމައަށް ވާސިލްވުން ކަމުގައެވެ. ވަން އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި އަޝްރަފު ވަނީ މި އުފާވެރި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އިސްވެރީންނަށް ތަހުނިޔާ ވިދާޅުވެ ޝުކުރު އަދާކުރައްވައިފައެވެ. އަދި މިއީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފާގަތި ކުރިމަގަށް އުދަވި އާ އިރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ޕީ.އެޗް.ޑީ ހާސިލްކުރަން ޝައުގުވެރިވާ ފަރާތްތަކުން ދެނެބަސް ލިޔުމަށް ޓަކައި ޕްރޮޕޯސަލް ހުށަހަޅާނެ ބަހަވީ ދާއިރާާގެ ތަފާާތު ރޮނގުތަކެއް ގައުމީ ޔުނިވާސިޓީއިން ވަނީ ކަނޑައަޅައިފަ އެވެ. ބައިވެރީންނަށް އިޚުތިޔާރުކުރެވޭ ރޮނގުތަކުގެ ތެރޭގައި މާދަރީ ބަސް އަށަގަތުމާއި ކުއްޖާގެ ކިބައިގައި ބަސް ތަރައްގީވާ ގޮތާއި ދެވަނަ ބަހެއް ދަސްކުރުމާއި ތަރައްގީވުމާއި ދެބަސް ނުވަތަ ގިނަބަސް ބޭނުންކުރާ މުޖުތަމައެއްގައި ބަސް ބޭނުންކުރާ ގޮތާއި ބަހުގެ ސިޔާސަތުތައް ކަނޑައަޅައި ރާވައި ހިންގުމާއި ބަހުގެ ފެންވަރު ބެލުމާއި ދިވެހިބަހުގެ އޮނިގަނޑު ނުވަތަ ސްޓްރަކްޗަރގެ އިތުރުން ލިޔުންތެރިކަމާއި ވާހަކަދެއްކުމާއި މަލްޓިމޯޑަލް ޓެކްސްޓްސް އެނަލައިޒްކުރުމުގެ ރޮނގު ހިމެނެއެވެ.
ތިން އަހަރުގެ މުއްދަތަށް ހިންގަވާ މި ކޯހުގެ ޖާގަ ކަނޑައަޅުއްވަން ހަމަޖައްސަވައިފައިވަނީ ޕީއެޗްޑީއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ބެއްލެވުމަށް ފަހު، ސުޕައިވައިޒަރުންނާއި ހަޔަރ ޑިގްރީ ކޮމެޓީއިން ނިންމަވާ ގޮތެއްގެ މަތީން ކަމަށް ގައުމީ ޔުނިވަރސިޓީން ނެރުއްވައި އާއްމުކުރެއްވި އިއުލާނުގައި ވެއެވެ.
ކޯހަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ގަބޫލްކުރާ ލެވެލް ނުވައެއްގެ ސަނަދަކާއި ލެވެލް ހަތެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އެޕްލައިޑް ލިންގުއިސްޓިކްސް ނުވަތަ ގުޅުންހުރި ދާއިރާއަކުން އެމް.ކިއު.އޭ ގަބޫލްކުރާ ލެވެލް އަށެއްގެ ސަނަދެއް ހާސިލްކޮށް އެންމެ މަތީ ދަރަޖައިގައި ފާސްވެފައިވުން ހިމެނެއެވެ. އަދި މިދާއިރާއާ ގުޅޭ ދިރާސީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައި ވެސް ވާން ޖެހެއެވެ. ޕީއެޗްޑީއަށް މީހުން ހޮއްވެވުމުގައި ޑިގްރީ ނުވަތަ މާސްޓާސް ޑިގްރީ ހެދުމުގެ ތެރޭގައި އަމަލީ ތަޖުރިބާ ލިބިފައި ވާ ފަރާތްތަކަށް އިސްކަން ދެއްވުމުގެ އިތުރަށް ދިވެހި ބަހުގެ ޑިގުރީއެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ވެސް އިސްކަން ދެއްވަން ވަނީ ނިންމައިފަ އެވެ.