ޚަބަރު

ރޯދަ މަހު އައިޖީއެމްއެޗުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި

މުހައްމަދު އިޝާން

ރޯދަ މަހު އައިޖީއެމްއެޗުން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.

އައިޖީއެމްއެޗުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯދަ މަހު އެ ހޮސްޕިޓަލުން ސްޕެޝަލިސްޓް އޯޕީޑީގެ ހިދުމަތް ލިބެން ހުންނާނީ 9:00 އިން 16:00 އަށް ކަމަށެވެ. ލެބޯޓަރީގެ ހިދުމަތްތައް ލިބެން ހުންނާނީ 8:00 އިން 17:00 އަށް ކަމަށެވެ.

ކައިގެން ދެގަޑިއިރުގެ ފަހުން ހަދާ ލޭގެ ޓެސްޓުތައް ހަދައިދޭނީ 20:00 އިން 22:00 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އަދި އަލްޓްރާސައުންޑް ސްކޭނާއި ސީޓީ ސްކޭންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 9:00 އަކުން 15:00 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ އެކްސްރޭގެ ނެގުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 8:00 އިން ފެށިގެން 15:30 އަށް ކަމަށާއި އެމްއާރްއައި ހެދެން ހުންނާނީ 8:00 އިން 21:00 އަށް ކަމަށެވެ.

މީގެ އިތުރުން އީސީޖީ 8:30 އިން 14:30 އަށް ހަދައިދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ފިޒިއޯތެރަޕީ ހަދައިދިނުމަށް ހަމަޖެހިފައިވަނީ 8:00 އިން 14:30 އަށް ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ ޓްރޯމާ އެންޑް އިމަޖެންސީ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ.