އަމީނީ މަގު ހެދުމުގެ އެއްބަސްވުމާއި ކުރެހުން ހާމަކުރަން ހައި ކޯޓުން ކުރި ހުކުމަށް ތަބާވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ އަމީނީ މަގުގެ މަޝްރޫއުގެ އެއްބަސްވުމާއި ތަފްސީލު ކުރެހުން ހޯދުމަަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައުސިން މިނިސްޓްރީގައި އެދުނީ އާއްމު މީހެކެވެ.
ނަމަވެސް އެ މިނިސްޓްރީން ވަނީ އެ މައުލޫމާތު ދޭން ދެކޮޅު ހަދައިފައެވެ. އެހެންވެ، އެ މައުލޫމާތު ދިނުމަށް އިންފޮމޭޝަން ކޮމިޝަން (އައިކޮމް) އިން މިނިސްޓްރީއަށް އެންގުމުން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ބުނެ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން އެމައްސަލަ ހައި ކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ އަމީނީ މަގުގެ މައުލޫމާތު ހާމަކުރުމަށް އިންކާރު ކުރީ، އެ މައުލޫމާތު ހާމަކޮށްފިނަމަ ތިން ވަނަ ފަރާތެއްގެ މާލީ މަސްލަހަތަށް ބުރޫއަރާފާނެތީއެވެ.
އެ މައްސަލައިގައި ހައި ކޯޓުން މިދިޔަ ހޯމަ ދުވަހު އިއްވި ހުކުމުގައި ބުނީ، ގާނޫނުގެ ދަށުން ތިން ވަނަ ފަރާތް މާނަ ކުރާއިރު، ދައުލަތުގެ އިދާރާތައް އޭގެ ތެރޭގައި ނުހިމެނޭނެ ކަމަށާއި ތިން ވަނަ ފަރާތް ކަމަށްވާ އާރްޑީސީއަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށެވެ.
މީގެ އިތުރުން އަމީނީ މަގުގެ މައުލޫމާތު ހާމަކުރަން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ އޮންފޮމޭޝަން އޮފިސަރު އިންކާރު ކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ އިސްތިސްނާ ހާލަތްތަކުން ކުރެ ކޮން އިސްތިސްނާ ހާލަތަކަށް ފެތޭތީ ކަމެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދަންޖެހޭ ގާނޫނީ އެއްވެސް ސަބަބެއް ނެތް ކަމުން، އައިކޮމްގެ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެއެވެ.
އެކަމާ ގުޅިގެން ފަރެސްމާތޮޑާ އެއާޕޯޓުގައި ހުންނަވައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮންޓްރެކްޓެއްގެ ބީއޯކިއު އާއި ތަފްސީލީ ކުރެހުންފަދަ މައުލޫމާތުތަކަކީ ބައެއްގެ ޒާތީ މައުލޫމާތުތަކެއް ކަމަށާއި އެފަދަ މައުލޫމާތުތައް ހާމަނުކުރުމަކީ އާންމު އުސޫލެއް ކަމަށެވެ. ނަމަވެސް ކޯޓުގެ ހުކުމަށް ތަބާވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކީ މަސައްކަތް ދަންނަ މީހެއް. ކޮންޓްރެކްޓް ދަންނަ މީހެއް، ކޮންޓްރެކްޓެއްގެ ތެރޭގައި ހުންނާނެ ކޮންޓްރެކްޓާގެވެސް އަދި ޑިޒައިނާގެވެސް އިންޓަލެކްޗަރަލް ޕްރޮޕަޓީސް. އެ އެއްޗެހި އެއީ އާއްމުކޮށް މީހުން ހާމަކޮށް އުޅޭ އެއްޗެއްސެއް ނޫން ކޮންޓްރެކްޓުގެ ދުނިޔޭގައި،" އަސްލަމް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަމީނީ މަގުގެ އެއްބަސްވުމާއި ކުރެހުން ހާމަކުރަން ހައިކޯޓުން ކުރި ހުކުމް، ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްލޭނިން މިނިސްޓްރީން ދަނީ މަޝްވަރާ ކުރަމުންނެވެ.