އެންސިސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރި މަތީ ފަންތީގެ ފްލެޓުތައް ހަވާލުކުރަން ފަށައިފިއެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަހުގެ ވިޔަފާރިކުރާ އެންސިސް ކުންފުނީގެ އެންސިސް ރިއަލިޓީން ހުޅުމާލޭގައި މަތީ ފަންތީގެ ކޮންޑެމީނިއަމް އިމާރާތް އިފްތިތާހު ކުރީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި ރެސިޑެންޝަލް ބިލްޑިންގައި ޒަމާނީ 94 އެޕާޓްމަންޓް ހުރެއެވެ.
ހަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެންސިސްގެ "އައިރާ- އެކްސެޕްޝަނަލް ލިވިން" ފްލެޓުތައް ހަވާލުކުރަން ފަށާފައި ވަނީ މިއަދުއެވެ.
އައިރާ ރެސިޑެންސްގެ މޫދު ފެންނަ ގޮތަށް ހުންނަ ސީވިއު އެޕާޓްމަންޓްތަކުގައި މެއިޑް ކޮޓަރިއެއް ހިމެނޭހެން ތިން ކޮޓަރީގެ 45 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 26 އެޕާޓްމަންޓް ހުރެއެވެ. އަދި އެއް ކޮޓަރީގެ 11 އެޕާޓްމަންޓުގެ އިތުރުން 10 ޕެންޓް ހައުސް ހިމެނެއެވެ.
މީގެ އިތުރުން 20 މީޓަރުގެ ސުވިމިން ޕޫލަކާއި ޖަކޫޒީ ހަދި ހެލްތް ކްލަބެއްގެ އިތުރުން އެކި ހަފުލާތައް ބޭއްވުމަށް ހާއްސަ ހޯލެއް ވެސް ހުންނާނެއެވެ.
އައިރާ- އެކްސެޕްޝަނަލް ލިވިން ފަރުމާކޮށްފައިވަނީ ސިންގަޕޫރުގެ އިމާރާތްތައް ފަރުމާކުރާ ކުންފުންޏެއް ކަމަށްވާ "ޓެން އާކިޓެކްސް" ކުންފުނިންނެވެ.
އެޗްޑީސީން ވަނީ އެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް ދިން މުއްދަތު ފަސް ފަހަރެއްގެ މަތިން އިތުރުކޮށްދީފައެވެ. އެންސިސް އިން ކުރިން ބުނެފައިވަނީ އެ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުންނާއި ކޮންޓްރެކްޓަރު ބަދަލުވުމުން ކަމަށެވެ. އަދި ލަސްވުމުގެ އެއް ސަބަބަކީ މާލީ މައްސަލަތައް ވެސް ކުރިމަތިވުން ކަމަށް އެކުންފުނިން ބުނެފައިވެއެވެ.