ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އިސް ނަގައިގެން އަންނަ ހުކުރު ދުވަހު މާލެ އާއި ބައެއް ރަށްރަށަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެކުންފުނީގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެއެވެ. އަދި މާލޭގެ 12 ސަރަހައްދެއް ސާފު ކުރާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
މީގެ އިތުރުން އަންނަ ހުކުރު ދުވަހު ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އިތުރުން ގދ. ތިނަދޫގައިވެސް ސާފުކުރުމުގެ ހަރަކާތައް ކުރިއަށް ގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މިއީ ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން ބާއްވާ ހަރަކާތެކެވެ.