ޚަބަރު

އިއުލާނު ނުކޮށް ބިންތަކެއް ދޫކުރި މައްސަލައިގައި ގުރައިދޫގެ ކުރީގެ ދެ ކައުންސިލަރަކަށް ދައުވާކުރަނީ

އިބްރާހިމް ޒަކީ

އިއުލާންނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ، މިމައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ހުސައިން އަހަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސަރާހުގެ މައްޗަށް ކަމަށެވެ.

އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިފައިވަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.

ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ގަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން އަމަލުކުރަމުންއައި އުސޫލާއި ހިލާފަށް އިއުލާން ނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ހުސައިން އަހަދު އާއި މުހައްމަދު ސަރާޙު ސޮއިކޮށްފައިވުމުން ބިންތައް ދޫކުރުމުގައި އެދެ ފަރާތުގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށްވެސް އޭސީސީން ބުނެފަައިވެއެވެ.