ޝަހީދާ އަބްދުﷲ ސައީދު
ރަށު ފެންވަރުގެ ވެބްސައިޓުތައް ކަމަށްވާ އައިލެންޑްސް އެމްވީ ވެބް ޕޯޓަލްގެ ސަބަބުން ރައްޔިތުންގެ ހަޒާނާ މުއްސަނދިވެ، އަދި މިއީ ދަތުރުފަތުރު ކުރުމަށް ބޭނުންވެފައިވާ މީހުންނަށް ފަސޭހަކުރުމަށް ހުޅުވުނު ދޮރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ޝުވެކްް ސިނަމާގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އައިލެންޑްސް އެމްވީ ވެބް ޕޯޓަލް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށަކާ ބެހޭ މައުލޫމާތު އެރަށެއްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި އޭގެ ތެރޭގައި އެރަށެއްގެ އާސާރީ ތަންތަނާއި ލޯކަލް ޓޫރިޒަމާއި ދަތުރުފަތުރުގެ މައުލޫމާތުވެސް އެނގެން ހުންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެރަށެއްގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމުގެ ހުރިހާ ބާރެއް ދޫކޮށްލަނީ ކައުންސިލުތަކަށް ކަމަށާއި އެރަށެއްގެ ވެބްސައިޓުން ލިބެން ހުރި ހުރިހާ މައުލޫމާތެއް ރާއްޖެއާއި ބޭރު ދުނިޔެއަށް ހިއްސާކުރެވޭނެ ކަމަށެވެ.
"މިރޭ މި ހުޅުވުނު ޕޯޓަލް، އައިލެންޑްސް އެމްވީ މެދުވެރިކޮށް އެ ރަށަކާ ބެހޭ މައުލޫމާތު ޕްރޮމޯޓުކޮށް މައުލޫމާތު ހިއްސާކުރުމުގެ ބާރު މި ދޫކޮށްލަނީ ކައުންސިލްތަކަށް. އެ ރަށަކާ ބެހޭ މައުލޫމާތު އެއް ތަނަކުން ލިބޭނެ ގޮތް ހޯދައި، އެ މައުލޫމާތުތައް ދުނިޔެއަށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ ބާރު މި ދޫކޮށްލަނީ ކައުންސިލްތަކަށް،" ރައީސް ވިދާޅުވިއެވެ.
އަދި އެއީ ހަމައެކަނި ރާއްޖެ އަންނަ ފަތުރުވެރިންނަށް ބޭނުންވާނެ މައުލޫމާތު ނޫން ކަމަށާއި އެއީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކާއި ރަށްފުށުގައި ދިރިއުޅޭ މީހުންނަށް އެކަކު އަނެކަކަށް ކޮންމެހެން އެނގެން ބޭނުންވާނެ މުހިންމު މައުލޫމާތުތަކެއް ކަމަށް ރައީސް ވިދާޅުވިއެެވެ.
އައިލެންޑްސް އެމްވީ ވެބް ޕޯޓަލްއަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.