ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން 2021 އަހަރުގެ މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާގެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލިނަމަވެސް މައްސަލަ އަލުން ފަށައިގެން ކުރިއަށް ނުގެންދަން ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހެއްގެ މައްޗަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2021 ގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.
އެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކުރިމިނަލް ކޯޓުން ކުރިން އެކުލަވާލިޔަސް، އެކިފަހަރު މަތިން ބެންޗު ބަދަލުވުމަށްފަހު މިހާރު ވަނީ ބެންޗު އުވާލައިފައެވެ. މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް އެކަންޏެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލުން އެދިވަޑައިގަތީ ބެންޗު އުވިފައި އޮތުމުން ކުރީގެ ބައެއް މަރުހަލާތައް އަލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެކަމަށް އިއުތިރާޒުކޮށްފައެވެ.
އެކަމާ ގުޅިގެން ގާޒީ ސޮފްވަތު ނިންމެވީ އަލުން އެ މަރުހަލާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެއީ ކުރިން ބެންޗުން މައްސަލަ ބެލިއިރު ނިންމުންތައް ނިންމާފައި ހުރީ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.
ގާޒީ ސޮފްވަތު ވިދާޅުވީ، އެ މައްސަލަ އަވަހަށް ކުރިއަށްގެންގޮސް ނިންމައިލުމަށް ހޮނިހިރު ދުވަސްތަކުގައި ޝަރީއަތް ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އަނިޔާ ލިބުނު ފަރާތަކީ ނަޝީދު ކަމަށްވާތީ އެމަނިކުފާނުގެ މަސްލަހަތު އޮތް މައްސަލައެއް މާ އަވަހަށް ގެންދިއުމުން ކޯޓަށް ފާޑުކިޔުން އަމާޒުވެދާނެ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ޝަރީއަތްތައް ކުރިއަށް ގެންދަނީ ވަކި މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ބެލުމެއް ނެތި އަދި ތަފާތު ކުރުމެއް ނެތި ކަމަށެވެ.
އެ މައްސަލައިގައި ދެން އޮންނާނީ އިފްތިތާހީ ބަޔާން ހުށަހެޅުމާއި ޝަރީއަތުގެ މަރުހަލާ ފެށުމެވެ. އެ އަޑުއެހުން ބާއްވާނެ ދުވަސް މި ހަފުތާ ނިމުމުގެ ކުރިން އަންގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.