ޝަހީދާ އަބްދުﷲ ސައީދު
އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި މިފަހަރު ހޯރަފުއްޓަށް އެއާޕޯޓް ގެނައީ ވާޖަހައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ހއ. ހޯރަފުށީގައި އެއާޕޯޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް އެޅޭނެ ދުވަހެއް ފެނިގެން ދިއުމަކީ ކުޑައިރުންސުރެ ދެކެމުންދިޔަ ހުވަފެނެއް ކަމަށެވެ.
އަދި އިހަވަންދިއްޕޮޅުގައި އެއާޕޯޓެއް އެޅުމުގެ ވިސްނުން އެކި ސަރުކާރުތަކުން ގެންގުޅުނު ކަމަށާއި އަދި އޭގެ ފަހުން ނިމިދިޔަ ސަރުކާރުގައި ހުވަހަންދޫގައި ވެސް އެއާޕޯޓެއް އެޅުމުގެ ވިސްނުން ގެންގުޅުނު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިހާތަނަށް އެކަމުގައި ހަގީގީ ކުލައެއް ޖެހިފައި ނުވާއިރު، އެކި ރަށްރަށުގައި އެއާޕޯޓް އެޅުމަށް މަސައްކަތް ކުރަމުންގޮސް އެންމެ ފަހުން ހޯރަފުށީގައި އެއާޕޯޓް އެޅުން ވެގެންދިޔައީ ހަޔާތުގައި ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލަކަށް ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
އަދި އެއާޕޯޓް އެޅުމަށް ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ދޭންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަދު ހަވީރު ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ.