އެފްއޭއެމް

ޖެހި ގޯލު 86، ކޮޅަށް ވަނީ އެންމެ ގޯލެއް: އިސްކަންދަރުން ރެކޯޑާއެކު ތަށި ނަގައިފި

އެފްއޭއެމް، އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން، ސައްތައިން ސައްތަ ރެކޯޑަކާއެކު އިސްކަންދަރު ސްކޫލުން ހޯދައިފިއެވެ.

މިފަހަރުގެ މުބާރާތުގައި އިސްކަންދަރު އާދަޔާހިލާފު ފޯމެއްގައި ފެނިގެން ގޮސްފައިވާއިރު، އެޓީމުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައެވެ. އިސްކަންދަރުން ޖުމުލަ 86 ގޯލު ޖަހާފައިވާ އިރު، އެޓީމު ކޮޅަށް ވަނީ އެންމެ ގޯލެކެވެ. ރާއްޖޭގެ ޒުވާން ގައުމީ ޓީމުގެ ހުނަރުވެރި ތަރިން ކަމަށްވާ މުހައްމަދު އިލާން އިމްރާނާއި މުހައްމަދު ލާމިހު އިމްތިޔާޒް އަދި އީތަން އިބްރާހިމް ޒަކީއާއި ޔޫސުފް އަޔާންގެ ތަފާތު މިފަހަރު އިސްކަންދަރު ޓީމުން ފެނިގެން ގޮސްފައިވެއެވެ.

ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އިސްކަންދަރުން ތަށި ނެގީ 7-1 އިން ކަލާފާނު ސްކޫލް ބަލިކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އިސްކަންދަރުން ހަތަރު ގޯލު ޖަހައި ހަމަޖެހިލި އިރު، ދެވަނަ ހާފަށް ނުކުމެ އިތުރު ގޯލުތައް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ބޮޑުވެސް ކުރިއެވެ.

ރޭގެ ފައިނަލުގައި އިސްކަންދަރުން ޖެހި ހަތް ގޯލުގެ ތެރެއިން ފަސް ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިލާނެވެ. އަނެއް ދެގޯލު ޖެހީ މުހައްމަދު ލާމިހު އިމްތިޔާޒާއި ކާއިން އަބްދުލް ފާއިޒެވެ. ކަލާފާނުގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން، އަހުމަދު އަފްނާން އަލީއެވެ.

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އިސްކަންދަރުގެ އިލާނެވެ. އޭނާ ވަނީ މުބާރާތުގައި 38 ގޯލު ޖަހައިފައެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ އިމާދުއްދީން ސްކޫލެވެ.