ދިރާގާއި އެޗް ވަން ސްރީ ލަންކާއާ ގުޅިގެން ރާއްޖޭގެ މާކެޓަށް މައިކްރޮސޮފްޓް ސޮލިއުޝަންތަކެއް ގެންނަން ނިންމައިފިއެވެ.
އެޗް ވަންއަކީ ސްރީ ލަންކާގެ ލީޑިން ޓިއާ އެކެއް މައިކްރޮސޮފްޓް ލައިސަންސިން ސޮލިއުޝަންސް އަދި ކްލައުޑް ސޮލިއުޝަންސް ޕާޓްނަރެކެވެ.
ދިރާގުން ބުނީ، މި ޕާޓްނާޝިޕް މެދުވެރިކޮށް އެ ކުންފުންޏާއި އެޗް ވަން ގުޅިގެން މައިކްރޮސޮފްޓްގެ އުފެއްދުންތަކާއި ހިދުމަތްތައް، މި ސަރަހައްދުގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި މޮޑާން ވޯކް ކްލައުޑް، މޮޑާން ވޯކް ސެކިއުރިޓީ، އެޕްސް އެންޑް އިންފްރާ (އަޒުއާ)، މޮޑާން އެޕް ޑިވެލޮޕްމަންޓް އަދި ޑޭޓާ އެންޑް އެނަލިޓިކްސް ފަދަ މައިކްރޮސޮފްޓް ޓެކްނޮލޮޖީތައް ހިމެނޭ ކަމަށް ބުންޏެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، އެޗް ވަންއާއެކު ވެފައިވާ ޕާޓްނާޝިޕް މެދުވެރިކޮށް އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވާނީ ދިރާގުގެ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ މާކެޓަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.
"ރާއްޖޭގެ ކަސްޓަމަރުންނަށް މައިކްރޮސޮފްޓާއި ޓެލެކޮމިއުނިކޭޝަންގެ ފުޅާ ދާއިރާއެއްގައި ހިދުމަތްތައް ގެނެސްދިނުމަށް އެޗް ވަން ސްރީ ލަންކާއާ އެކު ޕާޓްނާޝިޕް ގެނައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ މި ދެ ކުންފުނީގެ ތަޖުރިބާއާ އެކު، ކަސްޓަމަރުންގެ ފުޅާވަމުން އަންނަ ބޭނުންތައް ފުއްދައިދިނުމަށް ފަސޭހަ ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުން،" އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.
ޑައިލޮގް އެކްސިއާޓާ ޕީއެލްސީގެ ޑިރެކްޓަރު/ގްރޫޕް ޗީފް އެގްޒެކެޓިވް އަދި އެޗް ވަންގެ ޑިރެކްޓަރު ސުޕުން ވީރަސިންހަ ވިދާޅުވީ، ދިރާގާއެކު ހެދި ޕާޓްނާޝިޕަކީ ރާއްޖޭގެ މާކެޓުގައި އެ ކުންފުނީގެ ބައިވެރިވުން ފުޅާކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"މައިކްރޮސޮފްޓް ޓެކްނޮލޮޖީގެ ތަޖުރިބާ އާއި ދިރާގުގެ ވަރުގަދަ ލޯކަލް ޕްރެޒެންސާއި ކަސްޓަމަރުންނާ އެކު އޮންނަ ގުޅުމާ އެކު އެންމެ ފެންވަރު ރަނގަޅު ހިދުމަތްތައް އެ ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް،" ސުޕުން ވީރަސިންހަ ވިދާޅުވިއެވެ.
އެޗް ވަންގެ ޑިރެކްޓަރު، ޗީފް އެގްޒެކެޓިވް އޮފިސަރު ވެނޫރާ މެންޑިސް ވިދާޅުވީ، ދިރާގާ އެކު ޕާޓްނާވެ ޓެކްނޮލޮޖީ ސޮލިއުޝަންތައް ރާއްޖޭގެ މާކެޓަށް ގެނައުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ދިރާގުގެ މާކެޓް ރީޗް، ވަރުގަދަ ކަސްޓަމަރު އެންގޭޖްމަންޓް އަދި ކޮމްޕްލިމެންޓްރީ އައިސީޓީގެ ހިދުމަތްތަކާ އެކު މައިކްރޮސޮފްޓް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް ދިމާވާ ވިޔަފާރީގެ ގޮންޖެހުންތަކަށް ސީދާ ހައްލުތަކެއް ފޯރުކޮށްދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." ވެނޫރާ މެންޑިސް ވިދާޅުވިއެވެ.