ފޮރިން މިނިސްޓްރީ

ޔޫއޭއީ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައިފި

ޝަހީދާ އަބްދުﷲ ސައީދު

ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. ސައީދު މުހައްމަދު އަލީ އަލްޝަމްސީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވުމުގެ މުނާސަބަތުގައި މިނިސްޓަރު ޝާހިދު ތަހުނިޔާ ދެންނެވިއެވެ.

އަދި، އެމަނިކުފާނަކީ ދިވެހިރާއްޖޭގައި އަލަށް ގާއިމް ކުރާ ޔޫއޭއީ އެމްބަސީގެ ފުރަތަމަ ސަފީރުކަން ފާހަގަކުރައްވާ މަރުޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ޔޫއޭއީ އާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓަރު ޝާހިދާއި ސަފީރު އަލް ޝަމްސީ ވަނީ މަޝްވަރާކުރައްވައިފައެވެ.

އަދި އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އޮންނަ އެއްބާރުލުން އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޔޫއޭއީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޔޫއޭއީ އާ ދެމެދުގައިވާ ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ، އަބްދުލްޣަފޫރު މުހައްމަދާއި ޑިރެކްޓަރު އަބްދުލްވާރިޘް ސައީދު ‏ބައިވެރިވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.