ޚަބަރު

ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަށް މަޝްވަރާކޮށްފި

ޔޫއޭއީގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމާ ބެހޭގޮތުން ޔުނައިޓޭޑް އަރަބް އެމިރޭޓްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް އޮތީ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އެރުވުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޔޫއޭއީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީއެއް ހުޅުއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ޔޫއޭއީގެ އާސަފީރު ވަނީ މި އެމްބަސީ ޤާއިމުކުރާނެ ތަނެއް ކަނޑައެޅުމުގެ މައްސަލައިގައި ދިވެހި ސަރުކާރާ އަދި ޚާއްޞަކޮށް ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ވެދެއްވަމުންގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ޔުނައިޓެޑް އަރަބް އެމިރެޓްސްގެ އާ ސަފީރު ދެއްކެވި ވާހަކަ ފުޅުގައި ވިޔަފާރީގެ ދާއިރާއިންނާއި، ވައިގެ އުދުހުންތަކުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއާއެކު އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުގުވެރިވާކަން ސަފީރު ވަނީ ފާޅު ކުރައްވައިފައެވެ.

ޔޫއޭއީގެ ސަފީރު ވަނީ، އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ކުރިޔަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.