ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ މަޝްރޫއުއާ ގުޅޭ ގޮތުން އެމްޓީސީސީން މިއަދު ބުނީ މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިން ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މަޑުއްވަރީ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ 82.19 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް ނިންމުމަށް ހަވާލުކުރީ 480 ދުވަސް ތެރޭގައެވެ.
މި މަޝްރޫއުގެ ދަށުން 73,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 582 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 2,840 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.