ޚަބަރު

ނަޝީދު، ގާސިމަށް: ހުރިހާރަށެއް އަންބޮނޑިއަށް ލައްވައިގެން ވިދާޅުވަނީ، ޝިއާރަކީ ދިވެހިބިން ތިމަންނައަށޭ

އިބްރާހިމް ޒަކީ

1

ހުރިހާ ރަށެއް އަންބޮނޑިއަށް ލައްވަގެން ހުންނަވައި، ޝިއާރަކީ، "ދިވެހި ބިން ތިމަންނައަށޭ" އިދިކޮޅު ފަރާތްތަކުން ބުމަނުންދާކަމަށް ވިދާޅުވެ މާމިގިލީ ދާއިޔާގެ މަޖިލިސް ގޮނޑިއަށް ވާދަ ކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިިމް އަށް އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީގައި ގާސިމް އިބްރާހީމްގެ މަޖިލިސް ކެމްޕެއިން ރޭ ލޯންޗް ކޮށްފައިވާއިރު ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ''ދިވެހި ބިން ދިވެހިންނަށް'' މި ޝިއާރެވެ.

ލ. މާވަށުގައި މިއަދު ބޭއްވި އެމްޑީޕީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ނުސީދާ ގޮތެއްގައި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިިމް އަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، އެކި ނަންނަމުގައި ޓެންޑަރަށް ލައްވައިގެންނާއި އެކި ގޮތްގޮތަށް އެފަރާތުން ރަށްތައް ނަންގަވާފައިވާކަމަށެވެ.

އެގޮތަށް ރަށްތައް ބަނޑުދަށަށް ލައްވައިގެން ތިމަންނަގެ ޝިއާރަކީ "ދިވެހި ބިން ތިމަންނައަށޭ" ވިދާޅުވާއިރު ދިވެހި ބިމަކީ ރާއްްޖޭގެ ރައްޔިރތުންގެ ބިމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެކި ގޮތްގޮތަށް ޓެންޑަރަށް ލައްވާނެ، ނަންގަވާފަ އާއި މީހެއްގެ އަތުން ނަންގަވާފަ އާއި ރިޝަވަތު ދީގެން ނަންގަވާފަ އާއި އެމްއެމްޕީއާރުސީން ނަންގަވާފަ އާއި އެސްއޯއެފުން ނަންގަވާފަ އާއި ޑޮލަރު ވިއްކުމުގެ ނަމުގައި ނަންގަވާފަ އާއި ޑޮލަރު ދިނުމުގެ ނަމުގައި ނަންގަވާފަ އާއި ހައްތަހާވެސްރަށް، މިހުރިހާ ރަށެއް ނަންގަވައި އަންބޮނޑިއަށް ލައްވާފައި ނުކުމެ ވަޑައިގެން މި ވިދާޅުވަނީ، ތިމަންނާގެ ޝިއާރަކީ "ދިވެހިބިން ތިމަންނައަށޭ" ދިވެހި ބިމަކީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ބިމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާސިމަށް ނިސްބަތް ކުރައްވައި ރައީސް ނަޝިދު ވިދާޅުވީ، ކިތައް ރަށްތޯ ތިމަންނަ އަތުގައި އޮތީ ބަލައިލާއިރު މި ޖަޒީރާ ގައުމުގެ ދެބައިކުޅަ އެއްބައިރަށް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ވާދަވެރިންގެ ޝިއާރަކަށް މިވީ ދިވެހިބިން ތިމަންނައަށޭ. ވިސްނަވާ ދިވެހި ބިން ތިމަންނައަށޭ މިއަތޮޅުގައިވެސް ގޮއްސަ އޮތްވަރު، ފަޅުރަށެއް ފަޅެއް، ގިރިއެއް، އެބައޮތްތޯ؟ އޮޅެއް، ރަށެއް، އޭގެން ބޭފުޅެއްގެ އަތްމައްޗަށް ނާރާ. ކިތައް ރަށްތޯ ތިމަންނަ އަތުގައި އޮތީ ބަލައިލާއިރުގައި މި ޖަޒީރާ ގައުމުގެ ދެބައިކުޅަ އެއްބައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެޖެންޑާ 19 ގެ އަމާޒަކީ ކޮންމެ އަތޮޅެއްގެ ދުނީގައިވާ ހުރިހާ ހަށެއް އަތޮޅު ކައުންސިލަށް މިލްކުކޮށްދިނުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟