ގދ.ތިނަދޫ، ތޭންކް، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ގދ.ތިނަދޫ، ޖަވާހިރުމާގޭ ދެކުނު، އިބްރާހީމް ޝާހުގެ މައްޗައް އުފުލި ހަތަރު ދައުވާ ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، ގިނަ ހެކިތަކަށް ރިއާޔަތް ނުކޮށްކަމަށްބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.
ލިބިފައިވާ ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ޒިޔާދާ ނިޔާވުމާއި ގުޅިގެން ޕީޖީ އިން ޒިޔާދާގެ ފިރިމީހާގެ މައްޗަށް އުފުލި 4 ދައުވާވެސް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ދެހާސްސޯޅަ ވަނަ އަހަރުގެ އޮގަސްޓް މަހު، ޝަރީއަތްފެށި މި މައްސަލައިގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
ޒިޔާދާގެ ފިރިމީހާ، ޝާހުގެ މައްޗަށް ދައުލަތުގެ ފަރާތުން ކޮށްފައި ވަނީ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ހިންގުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ހަތަރު ދައުވާގެ ތެރެއިން ރޭޕްކުރުމުގެ ދައުވާ، ޝާހުގެ މައްޗަށް ކޮށްފައިވަނީ ޒިޔާދާގެ ރުހުމަކާއި ނުލައި ގަދަކަމުން އޭނާ އާއި ޖިންސީ ގުޅުން ހިންގުމުންނެވެ. އެގޮތުން މި ކަމުގެ ހެތްކަކަށް ދައުލަތުގެ ފަރާތުން ވަނީ ޒިޔާދާއަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި މީހުންގެ ހެކިބަހާއި މެޑިކަލް ލިޔުންތަކުގެ އިތުރުން، ޒިޔާދާގެ ފޯނު ފުލުހުންގެ ފޮރިންސިކް ލެބޯޓްރީން އެނަލައިޒްކޮށް ތައްޔާރުކުރި މޯބައިލް ފޮރިންސިކް ރިޕޯޓެއް ހުށަހަޅައިފައެވެ.
ޒިޔާދާގެ ފޯނުގައި އެ ހާދިސާ އާއި ގުޅޭ އެކި މައުލޫމަތު މީހުންނާ ހިއްސާކޮށްފައިހުރި ކަމަށް ޕީޖީ އިން ހާމަކުރިއެވެ. މީގެ އިތުރުން ޒިޔާދާގެ ވާހަކަތައް ކިޔައިދީފައި ހުރި މީހުންގެ ހެކި ބަސް ދައުލަތުގެ ފަރާތުން ހުށަހެޅިކަމަށް ވެސް ޕީޖީ އިން ބުންޏެވެ. ނަމަވެސް ދައުވާގެ ހުކުމް އިއްވެވި އިރު ޝަރީއަތުގައި މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ނުދެކޭކަމަށް ޕީޖީގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެގައިވެއެވެ.
މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ، ޝާހުގެ މައްޗަށް އުފުލާފައި ވަނީ ޒިޔާދާއާ ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުމުގެ ތެރޭގައި ޒިޔާދާގެ ބޮލަށާއި ހަށިގަނޑަށް ދިން އަނިޔާތަކުގެ ސަބަބުން އޭނާގެ ހާލު ގޯސްވެ، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވުމާ ގުޅިގެނެވެ.
ޝަރީއަތުގައި މައްސަލަ ކުރިއަށް ދިޔައިރު މެޑިކަލް ހެކިތަކަށް ރިއާޔަތް ނުކޮށް ޒިޔާދާގެ ޕޯސްޓްމޯޓަމް ރިޕޯޓަށް ރިއާޔަތްކޮށްފައިވަނީ އެ ރިޕޯޓުން އޭނާ އަށް ޖިންސީ އަނިޔާ ކޮށްފައިވާކަން އެނގެން ނެތުމުންނެވެ.
ޒިޔާދާ ނިޔާވެފައިވަނީ އޭނާއަށް އަނިޔާ ލިބުނުތާ މަހަކަށްވުރެ ގިނަ ދުވަސް ފަހުންކަމަށްވެފައި، އޭނާއަށް ޝާހުގެ ފަރާތުން ލިބިފައިވާ އަނިޔާ ތަކަކީ އޭގެ ޒާތުގައި ފަރުވާ ދިނުމުގެ ސަބަބުން ރަނގަޅުފައިވާ އަނިޔާތަކަކަށް ވުމުން އޯޓޮޕްސީ ހެދިއިރު އެ އަނިޔާތައް ފެންނަން ނެތުމުން އެކަމާއި ގުޅިގެންހުށަހެޅި ހެކިންގެ ބުނުމުން އެކަން ސާބިތުވި ނަމަވެސް އަނިޔާ ރަނގަޅުވި ދުވަހެއް ހެކިންގެ ގޮތުގައި ހުށަހެޅި މީހުންނަށް ބަޔާންނުކޮށްދެވޭކަމަށް ވިދާޅުވެ ޝަރީއަތުން ހެކިންގެ ބަހަށް ބުރަދަނެއް ދެއްވާފައިނުވާކަމަށް ޕީޖީ އިން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން ޕީޖީ އިން ވަނީ ޒިޔާދާ ނިޔާވީ އޭނާގެ ސިކުނޑިއަށް ލޭ އެޅިގެން ކަމަށް ޕޯސްޓްމޯޓަމް އިން އެނގެން އޮތްކަަމަށް ހާމަކޮށްފައެވެ. އަދި ޒިޔާދާގެ ސިކުނޑިއަށް ލޭ އެޅިފައި ވަނީ ޝާހުގެ ފަރާތުން ލިބުނު އަނިޔާއަކުންކަން ޝައްކެއްނެތި ކަށަވަރުކު ރެވޭވަރަށް ހެކި ޕްރޮސިކިއުޝަންގެ ފަރާތުން ޝަރީއަތުގައި ހުށަހަޅާފައިވާނެކަމަށްވެސް ޕީޖީ އިން ވަނީ ބުނެފައެވެ.
ޝާހުގެ މައްޗަށް ކުރެވޭ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ، ޒިޔާދާ ނިޔާވި މައްސަލައިގައި އޭނާ ހައްޔަރު ކުރި އިރު އޭނާގެ އަތުގައި އޮތް ފޯނު ފުލުހުންގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީ އިން އެނަލައިޒް ކުރި އިރު އޮރިޔާން މަންޒަރު ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯ، އެފޯނުން ފެނިފައިވާތީ ކަމަށް ޕީޖީގެ ބަޔާނުގައި ވެއެވެ.
ނަމަވެސް އެ މައްސަލަ ސާބިތު ނުވާކަމަށް ޝަރީއަތުން ނިންމާފައި ވަނީ ދައުލަތުން ހުށަހެޅި ހެކި ބަހުންނާއި ފޮރެންސިކް ރިޕޯޓުން އެ ފޮޓޯ ތަކަކީ ޝާހު އެ ފޯނުގައި ބަހައްޓާފައި ހުރި ފޮޓޯތަކެއްކަން ސާބިތު ނުވާތީ ކަމަށް ބުނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް އެ ފޮޓޯ ތަކަކީ ޝެއަރިންގ އެޕަކުން ޝާހުގެ ފޯނަށް ސޭވް ވެފައިވާ ފޮޓޯތަކެއްނޫންކަމާއި، ޝާހުއަށް އެނގި ހުރެ ސޭވްކޮށްފައިވާ ފޮޓޯތަކެއްކަން ޝާހުގެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކުގެ އިތުރުން ޕްރޮސިކިއުޓުން ހުށަހެޅި ހެކިން ސާބިތުކޮށްދެއްވާފައިވާނެ ކަމަށް ޕީޖީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ޕީޖީން ހާމަކުރިގޮތުގައި ޝާހުގެ މައްޗަށް ދައުވާ ކުރި 4 މައްސަލައިގެ އިސްނާފަށް ހައި ކޯޓަށް ހުށަހެޅުމަށް ނިންމީ އެ ހަތަރު ދައުވާވެސް ޝަރީއަތުގައި ސާބިތު ކުރެވޭވަރަށް ދައުލަތުގެ ފަރާތުން ހެކި ހުށަހެޅުނުކަމަށް ގަބޫލު ކުރެވޭތީއެވެ. އަދި އެ ހެކިތަކަށް ޝަރީއަތުން އެކަށީގެންވާ ބުރަދަން ދެވިފައި ނުވާކަން ފާހަގަކޮށް ޕީޖީ އިން ވަނީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޕީޖީއަށް ނުފެންނަ ކަމަށް ބުނެފައެވެ.